ފްރާންސްގެ ފިރިހެން ފުޓުބޯޅަ މެޗެއް ކޮންޓްރޯލުން ނެއްޓި، އަންހެން ރެފްރީގެ ސިކުނޑިއަށް ބޮޑު އަނިޔާއެއް

މެޗުގައި އަނިޔާ ލިބުނު އަންހެން ރެފްރީ--

ފްރާންސްގައި ކުޅުނު ރަޙުމަތްތެރިކަމުގެ ފުޓްބޯޅަ މެޗެއްގެ ތެރޭގައި، ފިރިހެން ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ވެއްޓި، އަންހެން ރެފްރީއެއްގެ ސިކުނޑިއަށް ލޮޅުން އަރައި އަނިޔާވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފްރާންސްގެ މެޓްޒް އަދި ނެދަލޭންޑްސްގެ ފޯޗޫނާ ސިޓާޑް ބައްދަލުކުރި ރަޙުމަތްތެރިކަމުގެ މެޗުގައެވެ. މި މެޗުގެ އިންސާފުކުރަން ހުރީ އުމުރުން 26 އަހަރުގެ ރެފްރީ މާތިލްޑޭ ދެމޮންސޭއެވެ.

ހަމަނުޖެހުމަކާ ދިމާލަށް ކަންކަން ދިޔައީ މެޗުގެ 40 ވަނަ މިނެޓުގައި ދެ ޓީމުގެ ކުޅުންތެރިއަކު ޖާޒީގައި ހިފާދެމުމާ ގުޅިގެންނެވެ. މިއާއެކު ދެ ޓީމުގެ އިތުރު ކުޅުންތެރިން އެ ސަރަހައްދަށް އެއްވެ، ބޮޑު ހަމަނުޖެހުމެއް ހިންގަން ފެށިއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރެފްރީ ދެމޮންސޭ މާރާމާރީ ހުއްޓުވަން މަސައްކަތް ކުރަނިކޮށް، ކުޅުންތެރިއެއްގެ އަތުން ޖެހުނު އެތިފަހަރަކާއެކު އޭނާ ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ.

ވެއްޓުމަށްފަހު އަތުގައި ހިފަހައްޓައިގެން ރެފްރީ ދަނޑުމަތީގައި އޮތުމުން، އެސިސްޓެންޓް ރެފްރީންނާއި ސެކިއުރިޓީ އަދި މެޑިކަލް ޓީމުން ވަނީ ދަނޑަށް އަރައި އޭނާއަށް ފަރުވާދީ، ދަނޑުމަތީގެ މަސްލަހަތު ހަމައަކަށް އަޅުވާފައެވެ.

މެޗު އަލުން ފެށުމުން ދެމޮންސޭ ވަނީ އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ކުޑަވަގުތުކޮޅަކު މަސައްކަތްކޮށްފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުން އޭނާއަށް އިތުރަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ވަނީ ދަނޑުން ފައިބާފައެވެ.

މި މެޗު 3-1 އިން ކާމިޔާބުކުރީ މެޓްޒްއެވެ. މެޗަށްފަހު މެޓްޒްގެ ވެބްސައިޓުގައި މި ހާދިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް އާންމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް