ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ރާއްޖެއަށް 10 ގަސް ހަދިޔާކުރައްވައި އިތުރު 20،000 ގަސް ހަދިޔާކުރައްވާނެކަން މިއަދު ހާމަކުރައްވައިފިއެވެ.
ރާއްޖެ މިނިވަންވިތާ 61 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ހެންވޭރު ލޮނުޒިޔާރަތް ޕާކުގައި ވަނީ ގަސް އިންދުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. ފޮރިން މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ބައެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޑރ. ޚަލީލުއްރަޙްމާން ވަނީ ރާއްޖެއާއި ބަންގްލަދޭޝްގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދިވެހި ސަރުކާރަށް 10 ގަސް ހަދިޔާކުރައްވައިފައެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިތުރު 20،000 ގަސް އެ ގައުމުގެ ސަރުކާރުން ހަދިޔާކުރަން ނިންމައިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ކަމުން ތިމާވެށި ހިމާޔަތްކުރުމަށް ދެ ގައުމުން އެކުގައި ކުރާ މަސައްކަތް ވަރުގަދަވަމުންދާ ކަން ރަމްޒުކޮށްދޭ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް ވަނީ ޖޫން ފަހެއް، 2024ގައި މި ސަރުކާރުން ފެށި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
ދެ ވަޒީރުން ވެސް ވަނީ، ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް 10 ގަސް ހަދިޔާކޮށްދީ، އިތުރު 20،000 ގަސް ހަދިޔާކޮށްދޭން ނިންމައިފައިވާތީ އެ ގައުމުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ދައުރުގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން އެ މަނިކުފާނު ހާމަކުރެއްވީ ނޮވެންބަރު 30، 2023އިން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި އޮތް ކޮޕް28 ސަމިޓުގައެވެ.
އެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ.