ގައުމުގެ އިޤުތިޞާދު ކޮޅަށްޖެހުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.
ސިޔާމް އެފަދައިން ގޮވާލެއްވީ ދިވެހިރާއްޖޭގެ 62 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އެ ޕާޓީގެ މެންބަރުންނަށް ފޮނުއްވި ޚިޠާބުގައެވެ.
މި ޚިޠާބުގައި އެމަނިކުފާނު ވަނީ ރާއްޖެއަށް މިނިވަންކަން ލިބިގެންދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގައުމީ އެއްބައިވަންތަކަމާއި އިޤުތިޞާދީ ކުރިއެރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި ކުރީގެ ރައީސް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ގެންގުޅުއްވި ޙިކުމަތްތެރި ސިޔާސަތުތަކަކީ މިއަދުވެސް ނަމޫނާއެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ގެންގުޅުއްވި ދުރުވިސްނުންފުޅާއި، "ގައުމު ފުރަތަމަ" އަށް އިސްކުރުމުގެ މަތިވެރި ފަލްސަފާއަކީ މިއަދުގެ ޖީލުތަކަށް އޮތް އެންމެ ބޮޑު އިރުޝާދު ކަމަށް ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިއަދު އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ކަންކަން ކުރަމުންދާކަމަށް އިޝާރާތްކުރައްވައި، އެފަދަ އަމަލުތަކާ ދެކޮޅަށް ތެދުވެ ލޮބުވެތި ވަތަން ސަލާމަތްކުރުމަށް ކޮންމެ ދިވެހި ފަރުދަކުވެސް މިއަދު އަޒުމް ކަނޑައެޅުމަށް ސިޔާމް ގޮވާލެއްވިއެވެ.
ހަމައެހެންމެ ގައުމުގެ އިޤުތިޞާދު ހަމަމަގަށް އަޅުވައި، މިހާރު ދިމާވެފައިވާ އުނދަގޫ ޙާލަތުން އަރައިގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ހުރިހާ ރައްޔިތުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ފަރުދަކީ ވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ، ގައުމުގެ އުފެއްދުންތެރިކަމުގައި ބައިވެރިވާ މީހަކަށް ވުމަށް ސިޔާމް ނަސޭހަތްތެރިވެވަޑައިގަތެވެ.
ޚިޠާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ އަބަދުވެސް މިނިވަން، މުސްތަޤިއްލު ގައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.