މާދަމާގެ ރީތި ތާރީޚު ކަމަށްވާ 26 ޖުލައި 2026ގައި މާލެ ފެމެލީ ކޯޓުގައި 12 ކައިވެނި ކުރަން ތާވަލުކޮށްފިއެވެ.
ރީތި ތާރީޚުތަކާ ގުޅުވައި، ކައިވެނި ކުރުމަކީ ދިވެހީންގެ މެދުގައި އާންމު ކަމަކަށް ވަނީ ވެފައެވެ. މިދަފަ ދުވަސްތަކާ ދިމާކޮށް ފެމެލީ ކޯޓުގައި ގިނަ ކައިވެނިތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން 26-07-26 މި ރީތީ ތާރީޚާ ދިމާކޮށް މާލޭގައި 12 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ވަނީ ބުނެފައެވެ.
އެ ކޯޓުން ކުރިން ބުނި ގޮތުގައި، ރީތި ތާރީޚުތަކާ ދިމާކޮށް އާންމުކޮށް 50އާއި 80އާ ދެމެދުގެ އަދަދަކަށް ކައިވެނިތައް ކުރެއެވެ.
މީގެ ކުރިން ގިނަ ކައިވެނިތައް ކޮށްފައިވާ ތާރީޚުތަކުގެ ތެރޭގައި 2021 ވަނަ އަހަރު ޑިސެމްބަރު މަހު އައި ރީތި ތާރީޚެއް ކަމަށްވާ 21.12.21 ހިމެނެއެވެ. އެ ތާރީޚުގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އަދި 22-02-22 ގައި ފެމެލީ ކޯޓުން 85 ކައިވެނި ކޮށްދީފައިވާއިރު، މިދިޔަ މަހުގެ 26-06-26 ވަނަ ދުވަހު ވެސް ފެމިލީ ކޯޓުގައި ވަނީ 50 ކައިވެނި ކޮށްދީފައެވެ. މިއީ މިއަހަރު މިހާތަނަށް އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.
މި ފަހުން މާލެ ސިޓީ ކައުންސިލުން ވަނީ އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ވަލީމާ ބޭއްވުމަށް، މާލެ ސަރަހައްދުން ޖާގަ ހިލޭ ދޫކުރުމަށް ނިންމާފައެވެ. މިގޮތަށް ޖާގަ ދޭއިރު، ބޮޑު އިސްކަމެއް ދޭނީ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށްކަމަށްވެސް، ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.