އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައި ދިނުމުގައި ބޮޑަށް އިސްކަންދޭނީ އެފަދަ މާލީ ތަނަވަސްކަމެއް ނެތް، އެންމެ ބޮޑަށް އެކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މި ޚިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ.
މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
މިއީ މޭޔަރު އާދަމް އާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންގެ ކެމްޕެއިންގެ ތެރޭގައި ޒުވާނުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.
މިކަމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، ވަލީމާ ބާއްވަން ތަންތަން ހަމަޖައްސަދޭއިރު އެންމެ ބޮޑަށް އިސްކަންދޭނީ ކައިވެނި ކުރުމަށް ތަންތަން ހޯދުމުގައި ދަތިވާ އަދި އެފަދަ އެއްވެސް ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ކަމަށެވެ.
"މިހާރުވެސް އެފަދަ ތަނަވަސްކަމެއް ނެތް އެތައް ބަޔަކު ކައިވެނި ނުކުރެވިފައި އެބަތިބި. އެހެންކަމުން އެންމެ ބޮޑަށް އިސްކަމެއް ދޭންޖެހޭނީ އެފަދަ ފަރާތްތަކަށް،" މޭޔަރު ވިދާޅުވިއެވެ.
އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ހޯލް ނުވަތަ މައިޒާންތައް ދޫކުރުމަށް ކައުންސިލުން ނިންމިއިރު، މިއީ އެ އިދާރާގެ އާމްދަނީއަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ސަބަބަކީ މިފަދަ ހަފުލާތަކަށް ޖާގަ ކުއްޔަށް ދީގެން ސިޓީ ކައުންސިލަށް މިހާރުވެސް ބޮޑު މާލީ ފައިދާއެއް ލިބެމުންދާތީއެވެ.
ޚާއްސަކޮށް މާލޭގައި ކައިވެނީގެ ވަލީމާތައް ބޭއްވުމަށް އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ލޮނުޒިޔާރަތް ޕާކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ އަދި އެތަނުން ބޮޑު ކުއްޔެއް ނަގަމުންދާ ތަނެކެވެ.
މި ޚިދުމަތް ފަށާނެ ވަކި ތާރީޚަކާއި ދޫކުރާނެ ތަންތަން ކަނޑައަޅާނީ ކޮމިޓީން ވަކި ގޮތެއް ނިންމުމުން ކަމަށް މޭޔަރު ވިދާޅުވިއެވެ. މިހާރު މިކަން ކޮމިޓީއަށް ހުށަހަޅާފައިވާއިރު، ކޮމިޓީން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަމުންދަނީ ތަންތަން ބުކްކުރުމާއި، ކެންސަލް ކުރުމުގެ އުސޫލުތަކާއި، ޑިޕޮސިޓް ފައިސާ ބެހެއްޓުމާ ގުޅޭގޮތުންނެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވާ ތަންތަނުގެ ސަލާމަތީ ކަންކަމާއި އިންތިޒާމުތައް ބެލެހެއްޓުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވެމުންދެއެވެ.
މާލޭގައި ކޮންމެ މަހަކު އެތައް ސަތޭކަ ކައިވެންޏެއް ކުރަމުންދާއިރު، ހަފުލާ ބާއްވާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ މި ނިންމުމަކީ އަލަށް ދިރިއުޅުމެއް ފަށާ ޒުވާން އާއިލާތަކަށް މާލީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެއެވެ.