ސްޕެޝަލިސްޓް ތަމްރީނުތަކަށް ފަހު މި އަހަރު 16 ޑޮކްޓަރަކު އައިޖީއެމްއެޗާއި ދަރުމަވަންތައާ ގުޅިއްޖެ

ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު މި އަހަރުގެ މިހާތަނަށް 16 ޑޮކްޓަރަކު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިއްޖެއެވެ.

މާލޭ ހޮސްޕިޓަލުތަކުގެ ގްރޫޕު (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި ޑޮކްޓަރުންގެ ތެރޭ ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އޭގެ ތެރޭ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީއާއި ނިއޯނަޓޮލޮޖީ އާއި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭ ކަމަށް ޙަލީމް ލިޔުއްވައިފައިވެއެވެ.

މީގެ އިތުރުން ޙަލީމް ފާހަގަކުރެއްވި ގޮތުގައި ކަށީގެ ބަލިތަކާއި އެތެރެހަށްޓާއި ރޭޑިއޮލޮޖީއާއި އީއެންޓީ ފަދަ މުހިއްމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ގުޅިވަޑައިގެންފައިވެއެވެ.

އޭނާ ލިޔުއްވި ގޮތުގައި، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލާ ސާޖަރީއާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތައާރަފުކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށޭނެއެވެ.

މިއީ ދިވެހީން ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ޙަލީމް ސިފަކުރެއްވިއެވެ.

ޙަލީމް ވަނީ، މާލޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނާއި ސަޕޯޓު މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކުރައްވައި، ހޮސްޕިޓަލުތަކުން ޚިދުމަތް ހޯދާ އާންމުންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލުމާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

މިއަހަރުގެ މިހާތަނަށް ޚާއްޞަ ތަމްރީނުތައް ފުރިހަމަކުރެއްވި ސޯޅަ ޑޮކްޓަރަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަން ފައްޓަވައިފިއެވެ. މީގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް ފެށޭ ޞިއްޙީ ފަރުވާގެ ދާއިރާތަކުން ތަމްރީނު ހާސިލުކުރައްވައިފައިވާ ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ. މިގޮތުން ޚިދުމަތް ފުޅާކުރެވިގެންދާއިރު، އަމާޒަކީ ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކޮށް، ފެންވަރު ރަނގަޅު އޯގާތެރި ޚިދުމަތެއް ޤައުމުގެ އެތެރެއިން ލިބޭނެ މަގު ތަނަވަސްކުރުމެވެ.

  • ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީގެ ޚިދުމަތް ވަނީ އަލަށް ތައާރަފުކުރެވިފައެވެ.
  • ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީގެ ރޮނގުން ޚާއްޞަ ޑޮކްޓަރުން ވަނީ މަސައްކަތާ ގުޅިވަޑައިގެންފައެވެ.
  • ކަށީގެ ބަލިތަކާއި، އެތެރެހަށި، ރޭޑިއޮލޮޖީ އަދި ކަންފަތާއި ނޭފަތާއި ކަރުގެ ބަލިތަކަށް ފަރުވާދޭ އިތުރު ޑޮކްޓަރުން ވަނީ ހޯދިފައެވެ.
  • ކާޑިއޯތޮރެސިކް އަދި ވެސްކިޔުލާ ސާޖަރީގެ އިތުރުން އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޒަމާނީ ފަރުވާ މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
  • ސްޕެޝަލިސްޓް ތަމްރީނު ހޯއްދަވައިގެން ސޯޅަ ޑޮކްޓަރަކު އަލަށް މަސައްކަތަށް ނުކުމެވަޑައިގަތުން.
  • ރާއްޖެއަށް މުޅިން އާ ޞިއްޙީ ދާއިރާތަކެއްގެ ޚިދުމަތް ތައާރަފުކުރެވިގެން ދިއުން.
  • ހިތާއި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ފެށުން.
  • ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ކުރާ ހޭދައާއި ބަރޯސާވުން ކުޑަކުރުމަށް މަގުފަހިވުން.
comment ކޮމެންޓް