ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި --- ފޮޓޯ: ފުލުހުން

ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމުގައިވާ އުމުރުން 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިންއާއި ނ. ޅޮއްސަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އިބްރާހީމް އަތޫފްއާއި އިތުރު ދިވެއްސެކެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.

އަދި އިބްރާހީމް އަތޫފްއާއި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާއަށް ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް