ދިރާގުން ކުރިއަށްގެންދިޔަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ސްޕީޑްބޯޓު، އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ކ. މާލެއަށް އުފަން މުހައްމަދު ޔޫސުފާ ހަވާލުކޮށްފިއެވެ.
އަލް ޝާލީ މެރިން ބޯޓްޔާޑުގައި އިއްޔެ ބޭއްވި ހާއްސަ އިވެންޓެއްގައި، ޔޫސުފަށް މި ބޯޓު ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.
ޔޫސުފަށް ލިބިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ބޯޓުގައި އަޅާފައިވަނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެކެވެ.
މި އަގުހުރި އިނާމު ލިބުމާ ގުޅިގެން ޔޫސުފް ބުނީ، މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ނުހަނު އުފާވެރި ޚަބަރެއް ކަމަށެވެ. ރާއްޖޭގައި ފިކްސްޑްލައިން ޓެލެފޯނުގެ ހިދުމަތްތައް ބޭނުންކުރަން ފެށި ދުވަސްވަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ހިދުމަތްތައް ބޭނުންކުރަމުން އަންނަ ޔޫސުފް، ދިރާގު މޯބައިލްގެ ހިދުމަތް ބޭނުންކުރާތާ މިހާރު ވަނީ 28 އަހަރު ވެފައެވެ. އަދި މިފަދަ ފުރުސަތެއް ފަހިކޮށްދިނީތީ އޭނާ ވަނީ ދިރާގަށް ޝުކުރު އަދާކޮށްފައެވެ.
ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޕްރޮމޯޝަން ފަށާފައިވަނީ އޮގަސްޓު 2025 ގައެވެ. އަދި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 31 މާރިޗު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ދިން ފުރަތަމަ ސްޕީޑްބޯޓު ލިބިފައިވަނީ އަބްދުﷲ ސައީދަށެވެ.
ދިރާގުން ބުނާ ގޮތުގައި، އެ ކުންފުނިން ދަނީ މިފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.