ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހު ބަޔަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ މޮޑެލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަމީން ވިދާޅުވީ ސީޕްލޭނަށް ރޭގަނޑު ދަތުރުނުކުރެވޭ ފަދަ ހުރަސްތައް ހުރުމުން އެކި ހާލަތްތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.
"އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދެވަނަ އާރްއެފްޕީގެ މަސައްކަތް މިހާރު ކުރަމުން މިދަނީ،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އެކި ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތައް ބަލައި މިހާރު ނިމިފައިވާ ކަމަށާއި، އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ މަދަނީ އުދުހުންތަކުގެ ގަވައިދުތަކުގެ ދަށުން އެ ބަޔަކަށް އޮޕަރޭޓަރު ސެޓްފިކެޓު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެއެވެ.
ފަތުރުވެރިން އުފުލުމުގެ އިތުރުން، މި ޚިދުމަތުގެ ދަށުން މީހުން ހޯދައި ސަލާމަތްކުރުމާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ހެލިކޮޕްޓަރު ޚިދުމަތް ދޭން އެދޭ ފަރާތްތަކުން ހުށަހެޅުން ހުށަހަޅަން ތިން ފަހަރު މަތިން މީގެ ކުރިން އިއުލާނުކޮށްފައެވެ. އެކަމަކު މިދިޔަ މާރިޗު މަހުގެ 23ވަނަ ދުވަހު ވަނީ އެ މުއްދަތު އޭޕްރިލް މަހުގެ 20ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
މިނިސްޓްރީން ކުރިން އިއުލާނުކުރި ގޮތުގައި މާރިޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށާނެއެވެ. މީގެ ދެ އަހަރުކުރިން މި ކަން ފަށަން އިއުލާނުކޮށް އެކި ތާރީޚުތައް ދިން ނަމަވެސް އަދިވެސް ނުފެށެއެވެ.