ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ހިސާރުކޮށް، ކަނޑުދަތުރުފަތުރަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ހޫތީ ހަނގުރާމަވެރިން ކުރާ ތުހުމަތުތައް ސައުދީ އަރަބިއްޔާއިން ދޮގުކޮށްފިއެވެ.
ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ގައުމުގެ އުޅަނދުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެއެވެ.
ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫތީންގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ޔަމަނުގެ ރައްޔިތުންނަށާއި އެ ގައުމުގެ ގާނޫނީ ސަރުކާރަށް ސައުދީން ދެމުންގެންދާ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
މިއީ ފަހަކަށް އައިސް ރަތް ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ހޫތީން ސައުދީއަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ނެރުނު ބަޔާނެކެވެ. ހޫތީން ވަނީ ސައުދީން އެ މީހުންގެ ބާރުގެ ދަށުގައިވާ ބަނދަރުތަކާއި އެއާޕޯޓުތައް ބަންދުކޮށްފައިވާ ކަމަށް ބުނެ، އޭގެ ބަދަލުހިފުމުގެ ގޮތުން ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ސައުދީ ފޮރިން މިނިސްޓްރީން 2026 ޖުލައި 20 ވަނަ ދުވަހު އާންމުކުރި ބަޔާނުގައި ވާގޮތުން، ފާއިތުވި އަހަރުތަކުގައި ޔަމަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ޔަމަނުގެ ގާނޫނީ ސަރުކާރާއެކު ސައުދީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި، ދައުލަތުގެ ބަޖެޓަށް މާލީ ގޮތުން އެހީތެރިވުމާއި، ކަރަންޓު އުފައްދާ މަރުކަޒުތައް މެދުކެނޑުމެއްނެތި ހިންގުމަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރާ ސާމާނު އަދި އެހެނިހެން ޒަރޫރީ މުދާ ހިފައިގެން 300 އަށްވުރެ ގިނަ ވިޔަފާރި ބޯޓު ޔަމަނުގެ އުތުރުގައިވާ ހުދައިދާ، އައްސަލީފް އަދި ރައުސް އީސާ ބަނދަރަށް ވަދެފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޔަމަނަށް މުދާ އެތެރެކުރުމަށް ސައުދީން އެއްވެސް ހުރަހެއް އަޅާފައެއް ނުވެއެވެ. ނަމަވެސް، ހަތިޔާރާއި ވަޒަން އެތެރެކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2216 ގެ ދަށުން އަޅާފައިވާ ގާނޫނީ ފިޔަވަޅުތަކެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ހޫތީންނަށް ހަތިޔާރު ލިބޭނެ މަގުތައް ބަންދުކުރުމާއި، ސަރަހައްދީ ސަލާމަތްތެރިކަން ކަށަވަރުކުރުން ކަމަށް ސައުދީން ބުނެއެވެ.
ހޫތީންގެ އަމަލުތަކުގެ ސަބަބުން ޔަމަނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގުތިސާދީ ދަތިތައް އިތުރަށް ގޯސްވެފައިވާ ކަމަށް ސައުދީން ބުނެއެވެ. މިގޮތުން، 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު އަދަން އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއާއި، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަމަނުގެ ދެކުނުގައިވާ ތެޔޮ ބޭރުކުރާ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ އިތުރުން، ސަންއާ އެއާޕޯޓުގައި އޮތް ޔަމަނިއްޔާ އެއާވޭސްގެ ހަތަރު ބޯޓެއް ހިފެހެއްޓުމާއި ރަތް ކަނޑުން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް ދެމުންގެންދާ ހަމަލާތައް ސައުދީ ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ. މި އަމަލުތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށް ހުރަސްއެޅި، ގާނޫނީ ސަރުކާރަށް ލިބޭ އާމްދަނީ ދަށްވެ، ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ސައުދީން ތުހުމަތުކުރާ ގޮތުގައި، ހޫތީން ސައުދީއާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރަނީ އެ މީހުންނަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާއި އާންމުންގެ ނުރުހުމުން ސަމާލުކަން އަނބުރާލުމަށެވެ.
އަދި މިއީ އެ މީހުންގެ އަމިއްލަ ނާކާމިޔާބީ ފޮރުވުމަށް ކުރާ ކަމެއް ކަމަށްވެސް ސައުދީން ސިފަކުރެއެވެ. ހޫތީންގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ކަނޑުފޭރުމުގެ އަމަލުތަކެއް ކަމަށް ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުންވެސް ވަނީ ބުނެފައެވެ.
ސައުދީ އަރަބިއްޔާގެ މައިގަނޑު އަމާޒަކީ ޔަމަނުގައި ދާއިމީ ސުލްހަ ގާއިމުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ނިމުމެއް ގެނައުން ކަމަށް ފޮރިން މިނިސްޓްރީން ތަކުރާރުކުރިއެވެ. އދ. އިން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ މަސައްކަތްތަކަށް ސައުދީން އަބަދުވެސް ތާއީދުކުރާ ކަމަށާއި، އޭގެ ތެރޭގައި ޔަމަނުގެ ގާނޫނީ ސަރުކާރުން ގަބޫލުކޮށްފައިވާ މަގުޗާޓު ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް ހޫތީން އަދިވެސް އެ މަގުޗާޓު ގަބޫލުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް، ހާއްސަކޮށް ޔަމަނާ ގުޅޭ ގަރާރު 2216 އަދި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފާސްކޮށްފައިވާ ރަތް ކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރުމާ ގުޅޭ ގަރާރު 2722 ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ސައުދީން ވަނީ ގޮވާލާފައެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި 1982 ވަނަ އަހަރުގެ އދ. ގެ ކަނޑާބެހޭ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ސައުދީގެ އުޅަނދުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އެ ގައުމުން ވަނީ އިއުލާނުކޮށްފައެވެ. ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުންވެސް ވަނީ ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރު ހިމާޔަތްކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށާއި، ހޫތީންގެ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިންޒާރުދީފައެވެ.