ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ހޭނެތިގެން ހޮސްޕިޓަލަށް

ކްރިމިނަލް ކޯޓު: ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ހޭނެތިގެން ހޮސްޕިޓަލަށްވަނީ ގެންގޮސްފައި -- ފޮޓޯ/ އެޗްޑީސީ

ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު، ހޭނެތިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރެއްގައިވާ ގޮތުން، ވައްކަމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި ފަހުން ހޭ ނެތި، ރެސްޕޮންޑް ނުކުރާތީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ، އުމުރުން 36 އަހަރުގެ މީހެކެވެ.

ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ ބަންދަށް ޖެހީ ތިން ދުވަހެވެ. އޭނާގެ ހާލު ރަނގަޅުވާތާ 24 ގަޑިއިރުގެ ތެރޭގައި ބަންދާ މެދު ގޮތެއް ކަނޑައަޅަން އަލުން ކޯޓަށް ހާޒިރުކުރަންވާނެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

އެ ފަދަ ހާލަތްތަކުގައި އަމަލުކުރާ މައިގަނޑު އުސޫލުތަކުގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ކ) ގެ ދަށުން، ބަންދުކުރެވޭ ކޮންމެ މީހަކު 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެއެވެ. މީހަކު ބަލިވެގެން ހޮސްޕިޓަލުގައި އޮތުމަކީ މި އިލްތިޒާމުން އިސްތިސްނާވާނެ ސަބަބެއް ނޫނެވެ.

ބަންދުގައި ހުރި މީހާގެ ސިއްހީ ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުކުރެވެން ނެތްނަމަ، ފަނޑިޔާރު އެ މީހަކު އޮތް ހޮސްޕިޓަލަކަށް ވަޑައިގެން ބަންދާމެދު ގޮތެއް ނިންމުމަކީވެސް ކުރެވިދާނެ ކަމެކެވެ.

އޭގެ އިތުރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަކީވެސް ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން، ޚާއްސަ ހާލަތްތަކުގައި ބަންދުގެ މަޖިލިސް ކުރިއަށް ގެންދެވިދާނެ ގޮތެކެވެ.

comment ކޮމެންޓް