އަތަރުފުޅިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 39 އަހަރުގެ ދިވެހި ފިރިހެނަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ ނ. ހޮޅުދުއަށް ނިސްބަތްވާ މީހަކަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓް ހިމެނެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީއެވެ.
ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުން އެނގޭގޮތުގައި އޭނާގެ ޖީބުން ވަނީ ވަގަށް ނެގި ކަމަށް ބެލެވޭ އަތަރު ފުޅި ފެނިފައެވެ. އަދި އޭނާ ވަނީ ވައްކަން ކުރިކަމަށް އިއުތިރާފުވުމަށް ފަހު, ބަންދަށް ލުއިގޮތެއް ހަދައިދޭން އެދިފައި ކަމަށް އަމުރުގައިވެއެވެ.