ކަޝްމީރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 11 މީހުން މަރުވެއްޖެ

އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 11 މީހުން މަރުވެ، އިތުރު ހަތް މީހަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އޮފިޝަލުންނާ ހަވާލާދީ ޓީއާރުޓީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވެފައިވަނީ ޕޫންޗް ޑިސްޓްރިކްޓުގެ ސުރަންކޯޓް ސަރަހައްދަށެވެ. އެ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެއެއްގެ މައްޗަށް ވެއްޓުމުގެ ސަބަބުން ފަސް މީހަކު މަރުވެފައިވާއިރު، ފެންގަނޑުގެ ތެރެއަށް ގެއެއް އޮޔާދިއުމާ ގުޅިގެން އެހެން އާއިލާއެއްގެ ހަތަރު މީހަކު ވަނީ ގެއްލިފައެވެ.

މީގެ އިތުރުން، ޕޫންޗް އަދި ރަޖޯރީ ޑިސްޓްރިކްޓުގައި ކޯރުތައް ފުރިގެން ބަންޑުންވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތައް ވެއްޓި، އުޅަނދުތައް ވަނީ އޮޔާގޮސްފައެވެ. މިއާއެކު، އަޑިގަނޑު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. ވިއްސާރައިގެ ސަބަބުން މަގުތަކަށް ގެއްލުންވެފައިވީ ނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެކި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން، ޖައްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވަނީ ނިއު ދިއްލީއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު، އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ބެއްލެވުމަށް ވަޑައިގެންފައެވެ. އަދި ލެފްޓިނެންޓް ގަވަރުނަރު މަނޯޖް ސިންހާ ވަނީ ގެއްލުން ލިބުނު އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޮފިޝަލުންނަށް އަންގަވާފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެއެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ނީލަމް ވެލީއަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކާއި ޖަނަވާރުތައް އޮޔާގޮސްފައިވާ ކަމަށް ސަމާ ނިއުސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް