'ސައްޔާރާ' ލަވައިގެ ރޯޔަލްޓީއާ ގުޅޭގޮތުން ކުރި ތުހުމަތުތަކަށް ވައިއާރްއެފުން ރައްދުދީފި

ފިލްމު "ސައްޔާރާ"ގެ ޓައިޓްލް ލަވައަށް މިއުޒިކް ތައްޔާރުކޮށްދިން ތަނީޝްކް ބާގްޗީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ މަގުބޫލު ފިލްމު "ސައްޔާރާ"ގެ ޓައިޓްލް ލަވަ 'ސައްޔާރާ'ގެ ރޯޔަލްޓީއާ ގުޅޭގޮތުން އެ ލަވައިގެ މިއުޒިކް ތައްޔާރުކުރި ތަނީޝްކް ބާގްޗީ ކުރި ތުހުމަތުތަކަށް ޔާޝް ރާޖް ފިލްމްސްއިން ރައްދުދީފިއެވެ.

ތަނީޝްކް ބާގްޗީ ތުހުމަތުކުރި ގޮތުގައި، ލަވަ 'ސައްޔާރާ' އުފެއްދުމުގެ މަސައްކަތަށްފަހު ލިބެންޖެހޭ ފައިސާ ފުރިހަމައަށް އޭނާއަށް ވަނީ ނުލިބިފައެވެ.

މިކަމާ ގުޅޭގޮތުން ތަނީޝްކް ބުނެފައިވަނީ، އޭނާ އެ މަސައްކަތާ ހަވާލުވީ މިއުޒިކަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. ލަވަ އުފެއްދުމާއި، ރާގު ހެދުމާއި، ލަވަކިޔުންތެރިންނާއި ޅެންވެރިންނާއެކު ކުރި މަސައްކަތުގެ އިތުރުން، ރެކޯޑިންގާއި އަޑު ރީތިކުރުމުގެ ހުރިހާ މަރުހަލާއެއްގައިވެސް އޭނާގެ ފުރިހަމަ ހިއްސާ އޮތްކަން އޭނާ ފާހަގަކުރިއެވެ. އަދި އެއީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަރަށް ފަރުވާތެރިކަމާއެކު ކުރި މަސައްކަތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި އެ ފިލްމުގެ ޅީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ--ފޮޓޯ/އިންޑިއަންްއެކްސްޕްރެސް

އޭނާ އިތުރަށް ހާމަކުރި ގޮތުގައި، ވައިއާރްއެފުން އޭނާއަށް ދިން ކުޑަ އުޖޫރަ އެއްކޮށް ހޭދަކުރީ ލަވައިގެ މިކްސިންގާއި ލައިވް ރެކޯޑިންގް ފަދަ ކަންކަމަށެވެ. އެހާބޮޑު އާމްދަނީއެއް ހޯދި ލަވައަކުން މިހާތަނަށް އާމްދަނީގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބޭ ކަމަށާއި އެތައް މިލިއަން ބަޔަކު އަޑުއަހާފައިވާ ލަވައަކުން ރޯޔަލްޓީގެ ގޮތުގައި އަދިވެސް ލިބެންޖެހޭ އަށް ލައްކަ ރުޕީސް ނުލިބޭ ކަމަށް ތަނީޝްކް ވަނީ ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ވައިއާރްއެފުން ބުނެފައިވަނީ، އެއްބަސްވެފައިވާ އުސޫލުގެ މަތިން ބާގްޗީ ހިމެނޭހެން ހުރިހާ ފަންނާނުންނަށް ދޭންޖެހޭ ރޯޔަލްޓީ ފައިސާ އެ މީހުންނާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ވައިއާރްއެފްގެ ތަރުޖަމާނަކު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ފިލްމު "ސައްޔާރާ"ގެ ޓައިޓަލް ޓްރެކަކީ ތިން ކޮމްޕޯޒަރުން ކަމަށްވާ، ތަނީޝްކް ބާގްޗީ، ފަހީމް އަބްދުﷲ އަދި އަރްސްލާން ނިޒާމީ ގުޅިގެން އުފެއްދި ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ.

އެތައް މިލިއަން ބައެއްގެ ހިތްތަކާ ކުޅެލި މި ފަދަ މޮޅު ލަވައެއް އުފެއްދުމުގައި އެ ފަންނާނުން ދެއްކި ހުނަރަށް ވައިއާރްއެފުން ޝުކުރުވެރިވާ ކަމަށާއި މި ލަވައިގެ ރޯޔަލްޓީ ފައިސާ، ތަނީޝްކް ހިމެނޭހެން ތިން ކޮމްޕޯޒަރުންނާ ދެމެދު އެއްބަސްވެފައިވާ ގޮތަށް ހަމަހަމައަށް ބެހުމަށްފަހު ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާޝް ރާޖް ފިލްމްސްއިން މިކަމާ ގުޅޭގޮތުން ތަފްސީލު ހާމަކުރުމާއެކު، ޖެހިގެން އައި ދުވަހު ތަނީޝްކް ވަނީ އޭނާ ކުރި ޕޯސްޓް ސޯޝަލް މީޑިއާއިން ފޮހެލާފައެވެ.

comment ކޮމެންޓް