މި އަންނަ މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ފިލްމު "ބަޓްވާރާ 1947"ގެ އާ ޓީޒާއެއް ރިލީޒްކޮށްފިއެވެ.
މި ފިލްމަކީ، މި އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޯޑާ 2"އަށްފަހު މި އަހަރު ބޮޑު ސްކްރީނަށް އަންނާނެ ސަނީގެ ދެވަނަ ފިލްމެވެ. ސަނީ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މި މަހުގެ 10 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "އިއްކާ"އެވެ.
ސަނީއާ އެކު ބަތަލާ ޕްރިތީ ޒިންތާ ލީޑް ރޯލްއިން ފެންނާނެ ފިލްމު "ބަޓްވާރާ 1947"އަކީ އާމިރު ހާން ޕްރޮޑަކްޝަންއިން އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ރާޖްކުމާރު ސަންތޯޝީ އާއި ސަނީ މާޒީގައި މަސައްކަތްކުރި ފިލްމުތަކުގެތެރޭ، "އަންދާޒް އަޕްނާ އަޕްނާ"، "ދާމިނީ" އަދި "ގާޔަލް" ހިމެނެއެވެ.

ފިލްމު "ބަޓްވާރާ 1947"ގެ މުހިއްމު ކެރެކްޓާތައް ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި އަހަރު ސިނަމާތަކަށް އަންނާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "ބަޓްވާރާ 1947" އަކީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ސަނީ އާއި ޕްރިތީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ އިތުރު ތަރިންގެތެރޭ، ޝަބާނާ އާޒްމީ، އަލީ ފަޒަލް އަދި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ އިތުރުން އަބިމަންޔޫ ސިންގް ހިމެނެއެވެ.
މި ފިލްމުގެ މުހިއްމު ކެރެކްޓާތައް ދައްކުވައިދޭ ޕޯސްޓަރުތަކެއް މިދިޔަ މަހުތެރޭ ވަނީ ދައްކާލާފައެވެ.