ބޮލީވުޑްގެ މަގުބޫލު އެކްޓަރު އާރް މާދަވަން (މެޑީ)، އިންޑިއާގެ މަޝްހޫރު އީޖާދުވެރިޔާ ޖީޑީ ނައިޑޫގެ ރޯލް ކުޅޭ ބައޮޕިކް ފިލްމު "ޖީޑީއެން" ރިިލީޒްކުރާ ތާރީޚު ފަސްކޮށްފިއެވެ.
މީގެ ހަފްތާއެއްކުރިން ބެލުންތެރިންނަށް ޓްރެއިލާ ދައްކާލި މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން ތާވަލުކުރީ މި މަހުގެ 17 ވަނަ ދުވަހަށެވެ.
ފިލްމުގެ އާ ޕޯސްޓަރަކާ އެކު އާ ތާރީޚު އިންސްޓަގްރާމްގައި އިއުލާނުކުރަމުން މެޑީ ބުނީ، މިއީ ޝައުގުވެރިކަމުން ފުރިގެންވާ، ފަޚުރުވެރި ތާރީޚެއް އޮތް ޝަހްސިއްޔަތެއްގެ ވާހަކަ ކަމަށެވެ. އެގޮތުން މި އަންނަ މަހުގެ ހަތް ވަނަ ދުވަހަކީ އެ ވާހަކަ މުޅި ދުނިޔެއަށް ގެނެސްދޭނެ ތާރީޚު ކަމަށް މެޑީ ލިޔެފައިވެއެވެ.
ވަރްގީސް މޫލަން، ވިކޭ މޫލަން، ސަރީތާ މާދަވަން އަދި މާދަވަން ޕްރޮޑިއުސްކޮށް، ކްރިޝްނާ ކުމާރު ރާމަކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖަޔަރާމް އާއި ސަތުޔަރާޖް ފަދަ ތަޖުރިބާކާރު އެކްޓަރުން ހަރަކާތްތެރިވެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ގޯވިންދު ވަސަންތާއެވެ.

އިންޑިއާގެ ގިނަ ބަޔަކު 'ދަ އެޑިސަން އޮފް އިންޑިއާ'ގެ ލަގަބު ދީފައިވާ ޖީޑީ ނައިޑޫ އަދި އެކްޓަރު އާރް މާދަވަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންޑިއާގެ ކޮއިމްބަތޫރަށް އުފަންވި ޖީޑީ ނައިޑޫ އަކީ އިންޑިއާގެ ސިނާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައި ފަރާތެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އިންޑިއާގެ ފުރަތަމަ އިލެކްޓްރިކް މޮޓޯ އުފެއްދި ފަރާތުގެ ގޮތުގައެވެ.
ނަވާރަސަތޭކަ ތިރީސްހަތް ވަނަ އަހަރު އޭނާ ޑީ ބާލަސުންދަރަމް ނައިޑޫއާ އެކު އުފެއްދި މި މޮޓޯ އަކީ އިންޑިއާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ 'ޓެކްސްޓޫލް' އަދި 'ލަކްޝްމީ މެޝިން ވޯކްސް' (އެލްއެމްޑަބްލިޔު) ފަދަ ކުންފުނިތަކުގެ ބިންގަލެވެ.
މީގެ އިތުރުން ވެސް އޭނާ ވަނީ ވަރަށް ތުނި ރޭޒަ ތިލަ، ފިލްމު ކެމެރާތަކަށް ބޭނުންވާ ޑިސްޓަންސް އެޖަސްޓަރު، މޭވާގެ ދިޔަ ފިލްޓަރު ކުރާ މެޝިން، އޮޅުވާނުލެވޭނެ ފަދަ ވޯޓު ރެކޯޑިން މެޝިން އަދި ކަރާސީނުން ހިންގާ ފަންކާ ފަދަ ތަފާތު ތަކެތި އީޖާދުކޮށްފައެވެ.
ނައިޑޫގެ ދިރިއުޅުމާއި އޭނާ ގައުމަށް ކޮށްދިން ހިދުމަތްތަކުގެ މައްޗަށް ބިނާކޮށް "ޖީޑީ ނައިޑޫ- ދަ އެޑިސަން އޮފް އިންޑިއާ"ގެ ނަމުގައި ތައްޔާރުކުރި ޑޮކިއުމެންޓްރީއަށް ވަނީ 66 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސައިންސް އެންޑް ޓެކްނޮލޮޖީ ފިލްމުގެ އެވޯޑުވެސް ލިބިފައެވެ.