މެސީ ހުއްޓުވަން ''މޭން މާކް'' ނުކުރާނަން، ކުޅޭނީ ސްޕެއިންގެ ގޭމު: ޑެ ލަ ފުއެންޓޭ

ސްޕެއިންގެ ކޯޗު ޑެ ލަ ފުއެންޓޭ--

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުއްޓުވުމަށްޓަކައި ޚާއްސަ ކުޅުންތެރިއަކު ބަހައްޓައިގެން އޭނާ މޭން މާކް ނުކުރާނެ ކަމަށް ސްޕެއިންގެ ހެޑް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ވޯލްޑް ކަޕް ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ވަނީ މެސީގެ ޒުވާން ދުވަސްވަރު އޭނާއާ ދެކޮޅަށް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާއަކަށް ރިއާޔަތްކޮށްފައެވެ.

ނިއު ޖާޒީގައި އޮންނަ ބޮޑު ފައިނަލްގެ ކުރިން ވާހަކަދައްކަމުން ކޯޗު ވަނީ، މީގެ 22 އަހަރު ކުރިން ސެވިއްޔާގެ 19 އަހަރުން ދަށުގެ ޓީމަށް އޭނާ ކޯޗުކޮށްދިން އިރު، 16 އަހަރުގެ މެސީ ހުއްޓުވަން ކުރި ކަންތައް ހިއްސާކޮށްފައެވެ.

އެ މެޗުގެ 70 ވަނަ މިނެޓާ ހަމައަށް 0-0 އިން އެއްވަރުވެފައި އޮއްވައި، މެސީ މާކް ކުރަން ހުރި ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދެއްކުމުން އޭނާ ބޭރު ކުރި ކަމަށާއި، ނަމަވެސް އޭގެފަހުން ވީ 15 މިނެޓް ތެރޭގައި މެސީ ހަތަރު ލަނޑު ޖެހި ކަމަށް ޑެ ލަ ފުއެންޓޭ ކިޔައިދިނެވެ.

އެހެންކަމުން، މި ފަހަރުގެ ފައިނަލްގައި މެސީއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ނަމަވެސް ވަކި ކުޅުންތެރިއަކު އޭނާގެ ފަހަތުން ފޮނުވަން ގަސްދުނުކުރާ ކަމަށް އޭނާ ހާމަކުރިއެވެ.