ތިން ވޯލްޑް ކަޕު ފައިނަލާއެކު އާޖެންޓީނާގެ ގޭމްޕްލޭން މެސީ ބަދަލުކޮށްލި ގޮތް

ފީފާ ވޯލްޑް ކަޕް 2026 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ--

ލިއޮނަލް މެސީ އަކީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިއެއް ނޫނެވެ؛ އޭނާއަކީ އާޖެންޓީނާގެ ގައުމީ ޓީމުގެ ރޫހެވެ. ދެހާސް ސާދަ، 2022 އަދި މިހާރު 2026 ގެ ފީފާ ވޯލްޑް ކަޕް ފައިނަލާ ހަމައަށް އާޖެންޓީނާ ދަތުރުކުރިއިރު، މެސީ ވަނީ ފުޓްބޯޅަ ތާރީޚުގައި އެއްވެސް ކުޅުންތެރިއަކަށް ނުހޯދޭ ފަދަ ޝަރަފެއް ހޯދާފައެވެ.

އެއީ ތިން ވޯލްޑް ކަޕް ފައިނަލެއްގައި ފެށުނީއްސުރެ ކުޅޭނެ ފުރަތަމަ ކުޅުންތެރިޔާގެ ލަގަބެވެ. މާޒީގެ ސަފުހާތަކަށް ބަލާއިރު އާޖެންޓީނާގެ ސްކޮޑަށް އައި އެންމެ ބޮޑު ޓެކްނިކަލް ބަދަލަކީ ކޯޗު ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ "މެސީއަށް މެޗު ކާމިޔާބުކޮށްދޭން ދޫކޮށްލާ" ޓީމަކުން، "މެސީގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ" ވަރުގަދަ ޓީމަކަށް ބަދަލުވުމެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ--

މެސީގެ އުމުރުން 39 އަހަރަށް ދިއުމާއެކު އޭނާގެ ދުވުމުގެ ދުވެލި ދަނޑުމަތީގައި މަޑުވި ނަމަވެސް، އޭނާގެ ޓެކްނިކަލް ވިސްނުން ވަނީ ކުރިއަށްވުރެ ތޫނުވެފައެވެ. މެސީ މިހާރު ކުޅެނީ "ވޯކިންގް ފުޓްބޯޅަ" އެއްގެ ގޮތުގައެވެ.

ދަނޑުމަތީގައި ހިނގާފައި އުޅެމުން، އިދިކޮޅު ޓީމުގެ ޑިފެންޑަރުންގެ މެދުގައި ހުންނަ ހުސް ޖާގަތައް އޭނާ ދެނެގަނެއެވެ. މީގެ އިތުރުން މެސީ ދަނޑުމަތީގައި ހުންނަ މަގާމުގެ ސަބަބުން އުފެދޭ "މެގްނެޓް އިފެކްޓް" ގެ ސަބަބުން، އިދިކޮޅު ދެތިން ޑިފެންޑަރުން އަބަދުވެސް އޭނާއަށް ފާރަވެރިވާން މަޖުބޫރުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އާޖެންޓީނާގެ އެހެން ޒުވާން ކުޅުންތެރިންނަށް އެޓޭކްތައް އުފެއްދުމަށް ދަނޑުމަތިން ބޮޑެތި ހުސް ޖާގަތަކެއް ފަހިވެގެންދެއެވެ.

މި ޓެކްނިކަލް އިންގިލާބުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އާޖެންޓީނާގެ މިޑްފީލްޑަށް ގެނައި ބަދަލުތަކުންނެވެ. އެންޒޯ ފެނާންޑޭޒް، އެލެކްސިސް މެކް އެލިސްޓާ އަދި ރޮޑްރީގޯ ޑި ޕޯލް ފަދަ ވޯކްރޭޓް މަތި ކުޅުންތެރިންނަކީ ދަނޑުމަތީގައި މެސީގެ "ބޮޑީގާޑުން" ނެވެ.

ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް އެހީތެރިވެދިނުމަށްފަހު މެސީ--

މެސީ ޑިފެންސްކުރަން ދުވަންޖެހޭ މިންވަރު މި ކުޅުންތެރިން ކުޑަކޮށްދެނީ، އަމިއްލައަށް ދަނޑުގެ ހުރިހާ ދިމާލަކަށް ދުވެ ބޯޅަ ހޯދައިގެންނެވެ. އަދި ބޯޅަ ލިބުމާއެކު މިޑްފީލްޑަރުންގެ ފުރަތަމަ ވިސްނުމަކީ ފައިނަލް ތާޑްގައި ހުންނަ މެސީއަށް ބޯޅަ ފޯރުކޮށްދިނުމެވެ. މިއާއެކު މެސީއަށް އެސިސްޓްކުރަން ނުވަތަ ގޯލަށް ޝޫޓްކުރަން އެންމެ އެކަށީގެންވާ ވަގުތާއި ޖާގަ ލިބި، ޓީމުގެ ޓްރާންސިޝަން ޕްލޭ ހަލުވިވެގެންދެއެވެ.

އާޖެންޓީނާ ދަތުރުކުރި ތިން ފައިނަލަށް ބަލާއިރު މެސީގެ ރޯލަށް އައި ބަދަލުތައް ވަރަށް ސާފުކޮށް ފެނެއެވެ. ދެހާސް ސާދަ ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގައި މެސީ ފެނުނީ އަމިއްލައަށް ބޯޅަ ހިފައިގެން ނުކުންނަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

2014 ގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި ޖަރުމަނު އަތުން ހިތްދަތިގޮތަކަށް ބަލިވި މެޗަށްފަހު މެސީ ވޯލްޑް ކަޕުގެ ޓްރޮފީއަށް ބަލަހައްޓައިގެން--

އެފަހަރު ޓީމު ފައިނަލަށް ދިޔައީ ޑިފެންސިވް ގޭމަކުން ހަނި ނަތީޖާތަކެއް ނެރެގެންނެވެ. ނަމަވެސް 2022 ގައި ގަތަރުގައި އޮތް ވޯލްޑް ކަޕްގައި މެސީ ފެނުނީ ޓީމުގެ އެންމެ ފުރިހަމަ ކުޅުންތެރިޔާގެ ގޮތުގައެވެ. އޭރު ޓީމު އޮތީ މެސީއަށްޓަކައި "ފުރާނަ ދޭން" ތައްޔާރަށް ތިބި ޒުވާން ކުޅުންތެރިންނާއެކު ނަފްސާނީ ގޮތުން ވަރުގަދަކޮށެވެ. އަދި މިހާރު 2026 ގެ މުބާރާތުގައި މެސީގެ ދައުރަކީ މުޅި ޓީމު ކޮންޓްރޯލްކުރާ "މާސްޓާ މައިންޑް" ނުވަތަ ޕްލޭމޭކަރެއްގެ ދައުރެވެ. މިހާރު އާޖެންޓީނާއަކީ އެއްވެސް ޕްރެޝަރެއް ނެތް، ތަޖުރިބާކާރު އަދި ނަފްސާނީ ގޮތުން އެންމެ ވަރުގަދަ ޓީމެވެ.

މެސީ އަމިއްލައަށް ބުނެފައިވާ ގޮތުގައި، 2022 ގައި ވޯލްޑް ކަޕް ކާމިޔާބުކުރުމާއެކު އޭނާ ވަނީ ފުޓްބޯޅަ ކުޅެ ނިންމާފައެވެ. ނަމަވެސް 2026 ގެ ފައިނަލާ ހަމައަށް އާޖެންޓީނާ ދަތުރުކުރިއިރު، އޭނާ ސާބިތުކޮށްދިނީ ޓެކްނިކަލް ގޮތުންނާއި ނަފްސާނީ ގޮތުން ޓީމެއް ބަދަލުކޮށްލުމުގެ ގާބިލުކަން އަދިވެސް އޭނާގެ ކިބައިގައި ހުރިކަމެވެ.

އާޖެންޓީނާގެ ސްކޮޑަށް އައި އެންމެ ބޮޑު ބަދަލަކީ، މެސީގެ ލީޑާޝިޕްގެ ދަށުން މުޅި ޓީމުން އެކުވެރިކަމާއެކު ކޮންމެ ފިއްތުމަކުން އަރައިގަންނަން ދަސްވުމާއި، ދަނޑުމަތީގައި އެކަކު އަނެކަކަށްޓަކައި މަސައްކަތްކުރުމުގެ ރޫހު އަށަގަތުމެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލްގެ ދަނޑަށް ލިއޮނަލް މެސީ ނުކުންނައިރު، އޭނާ އެ ނުކުންނަނީ ހަމައެކަނި ތަށްޓެއް ހޯދާކަށް ނޫނެވެ. އެއީ ފުޓްބޯޅައިގެ ދުނިޔޭގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ނުވާ ކަމެއް ނިންމާލުމަށެވެ.

މީގެ އަހަރުތަކެއް ކުރިން މެސީއަށް ގައުމީ ޓީމާއެކު ކާމިޔާބެއް ނުހޯދޭނެ ކަމަށް ބުނެ ފާޑުކިޔާފައިވާ ފަރާތްތަކަށް އޭނާ މިހާރު އެދެނީ ބަސްހުއްޓޭފަދަ ޖަވާބެކެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ކުޅޭ އާޖެންޓީނާ ޓީމުގެ ކުޅުންތެރިންނާއެކު މެސީ--

ތިން ވޯލްޑް ކަޕް ފައިނަލްގައި ކުޅުމުގެ ތާރީޚީ ޝަރަފާއެކު، 2026 ގެ މި ފައިނަލް މެޗަކީ މެސީގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ފަހު ރަސްމީ ސޮޔެވެ. މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އެއް ކަމެއް ސާފެވެ.

މެސީ ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ޓެކްނިކަލް ގޮތުންނާއި އެހެން ގޮތް ގޮތުން މިއަދުގެ ޖީލަށް ބަދަލުކޮށްދީފައެވެ. ދަނޑުމަތީގައި އޭނާ ދެއްކި މޮޅު އުކުޅުތަކާއި، ދޫކޮށްފައި އެދާ ފުޓްބޯޅައިގެ ފަލްސަފާއަކީ އާޖެންޓީނާގެ ގައުމީ ޓީމުގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ކަންކަމެއް ނޫނެވެ. މިއީ ހަމަ ހަގީގަތުގައިވެސް ފުޓްބޯޅައިގެ ރަސްގެފާނުގެ "ގްރޭންޑް ފިނާލޭ" އަށް ވުން ގާތެވެ. ނުވަތަ "ގޯޓު" ގެ ބައިނަލްއަގްވާމީ ވަދާއީ މެޗަށްވުން ގާތެވެ.

comment ކޮމެންޓް