ފިލްމު 'ސައްޔާރާ'ގެ ތަރިންގެ ފަރާތުން ސަޕޯޓަރުންނަށް ލޯބި ހަދިޔާއެއް

ފިލްމު "ސައްޔާރާ"ގެ ލީޑް ތަރިން ކަމަށްވާ އަހާން އާއި އަނީތު--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ސައްޔާރާ" ރިލީޒްކުރިތާ އަހަރެއް ފުރުމާ ގުޅިގެން އެ ފިލްމުގެ ލީޑް ތަރިންގެ ފަރާތުން ބެލުންތެރިންނަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.

މަޝްހޫރު ޔަޝް ރާޖް ފިލްމްސްގެ ބެނާގެ ދަށުން އުފެއްދި މި ފިލްމަކީ ޒުވާން އެކްޓަރު އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފްވި ފިލްމެވެ. އަދި ހަމައެއާއެކު މި ފިލްމަކީ، ބަތަލާ އަނީތު ޕައްޑާ ލީޑް ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރި ފުރަތަމަ ފިލްމުވެސްމެއެވެ.

ފިލްމު "ސައްޔާރާ"އަށް އަހަރު ފުރުމުގެ މުނާސަބަތުގައި، ފިލްމުގެ މިއުޒިކް ހިމެނޭ "އެކްސްކްލޫސިވް 2-ޑިސްކް ކަލެކްޓާސް އެޑިޝަން އެލްޕީ"އެއް މި ފިލްމުގެ އުފެއްދުންތެރިން ވަނީ އިއްޔެ ނެރެފައެވެ.

މި ވިނައިލް ރެކޯޑް ލޯންޗުކުރުމުގެ ގޮތުން އަހާން އާއި އަނީތު ވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމަށް ގޮސް، އެތަނުގައި މި މުނާސަބާ ފާހަގަކޮށްފައެވެ. މިއީ ފިލްމުގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އެ ހަނދާންތައް އާކޮށްލުމަށް ދިން ފުރުސަތެކެވެ.

ފިލްމު "ސައްޔާރާ"ގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އެ ފިލްމުގެ ލީޑް ތަރިންނާ އެކު--ފޮޓޯ/ވެރައިޓީ

ފިލްމަށް އާންމުން ދިން ބޮޑު ތަރުހީބަށް ޝުކުރު އަދާކުރަމުން ވައިއާރްއެފުން ނެރުނު ޕޯސްޓެއްގައި ބުނެފައިވަނީ، ފިލްމުގެ ލަވަތަކާއި ޑައިލޮގްތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަނދާނީ ހަދިޔާތަކާއެކު މިހާރު މި ލިމިޓެޑް އެޑިޝަން އެލްޕީ ގަނެވޭނެ ކަމަށެވެ.

ޒުވާނުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ސައްޔާރާ"އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 329.73 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މޯހިތު ސޫރީ ޑައިރެކްޓްކުރި ފިލްމު "ސައްޔާރާ" އަކީ މިދިޔަ އަހަރު ބޮލީވުޑުން ފެނުނު އެންމެ ކާމިޔާބު ލޯބީގެ އަސަރުގަދަ ފިލްމެވެ.

comment ކޮމެންޓް