މިފަހަކަށް އައިސް އިންޑިއާގެ ފިލްމީ ތަރިންނަށް މަރުގެ އިންޒާރު ދެމުން އަންނަ އިންޑިއާގެ ނުރައްކާތެރި ގޭންގެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ގޭންގުގެ ފަރާތުން ބޮލީވުޑްގެ އެކްޓަރު އާމިރު ޚާނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އާމިރަށް މަރުގެ އިންޒާރު ލިބުމާ ގުޅިގެން މުމްބާއީގެ ފުލުހުން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އާމިރަށް މަރުގެ އިންޒާރު ދީފައިވަނީ އެކްޓަރު ތިންވަނަ ކައިވެންޏެއް ކުރުމާ ގުޅިގެން "ލަވް ޖިހާދު"އަށް ހިތްވަރުދޭ ކަމުގެ ތުހުމަތު އަޅުވައި، އޭގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ ކަމަށް ފިލްމީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންގެތެރޭ ހިމެނޭ އާމިރަށް މަރުގެ މި އިންޒާރު ލިބިފައިވަނީ ސޯޝަލް މީޑިއާ ޕޯސްޓަކާއި ވޮއިސް ނޯޓެއް މެދުވެރިކޮށް ކަމަށް ބެލެވޭއިރު، މުމްބާއީ ފުލުހުން މިހާރު ދަނީ މި މެސެޖުތަކުގެ ސައްހަކަން ކަށަވަރު ކުރަމުންނެވެ.

އާމިރު އަނބިމީހާ ގޯރީ ސްޕްރެޓްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އިންޒާރު ދީފައިވަނީ ޖަލުގައި ހުރި ގޭންގްސްޓަރު ލޯރެންސް ބިޝްނޯއީއާ ގުޅުން އޮންނަ އަރްޒޫ ބިޝްނޯއީ އަދި ޓައިސަން ބިޝްނޯއީ ކަމަށް ބެލެވެއެވެ. އެ މީހުންގެ މެސެޖުގައި ބުނެފައިވަނީ، އާމިރުގެ ތިންވަނަ ކައިވެންޏަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަމަށް ހިތްވަރުދޭ ފަރާތްތަކާ މެދު އަމިއްލަ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަޝްހޫރު ކަމުގެ ނަމުގައި މިފަދަ ކަންކަން ކުރާ މީހުން ހުއްޓުވާނެ ކަމުގެ އިންޒާރުވެސް އެ ގޭންގުން ވަނީ ދީފައެވެ.
މީގެ އިތުރުން، މިދިޔަ މަހު ރާޖަސްތާނުގެ ސްރީ ގަންގަނަގަރްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ކުރި ޖިންސީ އަނިޔާއާއި ރަހީނުކުރުމުގެ ހާދިސާއަށްވެސް އެ ޕޯސްޓުގައި އިޝާރާތްކޮށްފައިވެއެވެ. އެ މައްސަލައިގައި ކުށްވެރިންނަށް ހިމާޔަތް ދޭން އުޅޭ ސިޔާސީ ވެރިންނަށްވެސް އެ ގޭންގުން ވަނީ އިންޒާރު ދީފައެވެ.
މި އިންޒާރު އައިސްފައިވަނީ ލޯރެންސް ބިޝްނޯއީ ގޭންގުން މީގެ ކުރިން ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ.
ސަލްމާންއާ ދެކޮޅަށް އެ ގޭންގުން ނުކުމެފައިވަނީ 1998 ވަނަ އަހަރު ފިލްމު "ހަމް ސާތު ސާތު ހޭން" ކުޅުމުގެ ތެރޭގައި ހިނގި 'ްބެލްކަބްކް'އެއް ޝިކާރަކުރުމުގެ މައްސަލައާ ގުޅިގެންނެވެ. އަދި މި އަހަރުގެ އޭޕްރީލް މަހު ސަލްމާންގެ ގޭގެ ބޭރަށް ބަޑިޖެހި ހާދިސާގެ ޒިންމާވެސް އެ ގޭންގުން ވަނީ އުފުލާފައެވެ.