ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގޮވާލައިފި

ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް '2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލެމް'ގައި ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން "ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލެސްޓިން ޕީސް" ގެ ނަމުގައި އިޖިޕްޓްގެ ކައިރޯގައި މިއަދު ބޭއްވި ކޮންފަރެންސެކެވެ.

މި ކޮންފަރެންސަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ކޮންފަރެންސްގައި ރާއްޖެއިން ވަނީ އިސްރާއިލްގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތައް އަލިއަޅުވާލައި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައި ކަމަށެވެ. އަދި ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކައް ބާރުދިނުމުގެ ގޮތުން އެ އެޖެންސީ އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގޮވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލްގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެގެންކަމުގައި ރާއްޖެއިން ފާހަގަކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ 1975 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުގެ ގަރާރު ނަންބަރު 3376 އިން އުފެއްދި ސީއައިއާރްޕީޕީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެއް ކަމަށެވެ. އަދި އޯއައިސީއާ ގުޅިގެން ސީއައިއާރްޕީޕީން '2025 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް' އެ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ބާއްވާފައިވެއެވެ.

ފަލަސްތީނުގެ ހައްގުގައި އަޑުހަރުކޮށް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުންނާއި އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންވެ.

comment ކޮމެންޓް