އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޕޭމެންޓް ކަލެކްޝަނަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސާވާ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ، ކުރިން ކޮށްފައިވާ ދަތުރުތަކަށް ފައިސާ ކެނޑިފައިވާ މެސެޖުތަކެއް އަތުވެދާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އާރުޓީއެލްގެ ޚިދުމަތް ބޭނުން ނުކުރާ ވަގުތުތަކުގައި ވެސް ކާޑުން ފައިސާ ކެނޑެމުންދާ މައްސަލަ ފެންމަތިވެ، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ އެމީހުން އެމްޓީސީސީގެ ފެރީ ޚިދުމަތް ނުހޯދަނީސް އެ ޚިދުމަތަށް 3.25 ރުފިޔާ ކެނޑިފައިވާ ކަމުގެ މެސެޖުތައް ބޭންކުން ލިބިފައިވާކަމުގެ ޝަކުވާ ސޯސަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މި މައްސަލަ ދިމާވި މީހުންގެ ތެރޭގައި މިއަދު ފެރީގެ ޚިދުމަތް ބޭނުންކޮށްފައި ނުވާ މީހުންނާއި، އަދި ފަހަކަށް އައިސް އެއްވެސް ވަރަކަށް އެ ޚިދުމަތް ބޭނުންކޮށްފައި ނުވާ މީހުން ވެސް ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި ކޮށްފައި ހުރި ޕޯސްޓުތަކުން އެނގެއެވެ.
ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ މިކަން ހިނގާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މި މައްސަލައަށް ހައްލެއް ނުލިބި މިހާރު ރުފިޔާ ކެނޑުން އިތުރުވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި މިކަން ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އަދި މި މައްސަލައަށް ހައްލެއް ނުލިބި މިހާރު މިކަން އިތުރުވަމުން އަންނަކަން ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ސޯޝަލް މީޑިއާގައި އާރްޓީއެލް ޚިދުމަތް ހޯދާ ބައެއް ފަރާތްތަކުން ކޮށްފައިވާ ޕޯސްޓުތަކަށް ބަލާއިރު އޭގެ ތެރެއިން އެކަކު ބުނެފައި ވަނީ އޭނާ މިއަދު ވެސް އަދި ކައިރި މުސްތަގުބަލެއްގައި ވެސް އާރްޓީއެލްގެ ޚިދުމަތް ހޯދާފައި ނެތް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ ޚިދުމަތް ހޯދިކަމަށް ބުނެ 3.25 ލާރި އޭނާގެ ކާޑުން ކެނޑިކަމުގެ މެސެޖެއް ބީއެމްއެލް އިން ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިއަދު އެއްވެސް ބޭފުޅަކަށް ނޭނގި އެމްޓީސީސީ ނުވަތަ އާރްޓީއެލް ކާޑު ޓްރާންސެކްޝަނެއް ހިނގާފައިވޭތޯ؟ އާރްޓީއެލް ފެރީގެ ޚިދުމަތަކަށް މިއަދު އަޅުގަނޑުގެ ކާޑުން 3.25 ރުފިޔާ ކެނޑުނު ކަމަށް ބުނެ ބޭންކުން އެސްއެމްއެސް އެއް ލިބިއްޖެ. ހައިރާންވާ ކަމަކީ މިއަދަކުވެސް އަދި ފަހަކަށް އައިސް އެއްގޮތަކަށް ވެސް އަޅުގަނޑު އެމްޓީސީސީގެ ފެރީގެ ޚިދުމަތެއް ނުހޯދަން،" ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އިތުރު މީހަކު ބުނެފައިވާ ގޮތުގައި މިކަން ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެބަ ހިނގައެވެ. މިކަން މިހެން ވާން ދިމާވާ ސަބަބު ކަމާ ބެހޭ ފަރާތްތަކުން ބަލަން ޖެހޭކަން ފާހަގަކޮށް މިހާރު ވެސް މި ގޮތަށް އެތައް ބައެއްގެ އަތުން އެތައް ފައިސާއެއް ވާނުވާ ނޭންގި ކެނޑެމުން ދާއިރު މިކަން ނުބަލައި ތިބުމަކީ އިންސާފަކަށް ނުވާނޭ ކަމަށް އޭނާ ބުނެފައިވެއެވެ.
"މިއީ ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތަކުރާރުވަމުން އަންނަ ކަމެއް. މިހާރު މިހެން ކިހާ ބައެއްގެ އަތުން ހާދަ ލާރިއެއް ކަނޑާފަ ހުންނާނެޔޭ. މިއީ ދެރަ ކަމެއް. މާލޭގައި ހުއްޓަސް ރާއްޖޭން ބޭރުގަ ހުއްޓަސް، އެއްވެސް ދަތުރެއް ނުކުރިޔަސް ހަމަ ކަނޑާވަރުން އެބަ ކަނޑައޭ،" ވަރަށް ހިތްހަމަ ނުޖެހި ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އެމްޓީސީސީން މިމަހުގެ 16 ގައި ނެރެ އާންމުކުރި އެންގުން.. ފޮޓޯ/ އެމްޓީސީސީ
މި މައްސަލައާ ގުޅިގެން އެމްޓީސީސީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އާރްޓީއެލްގެ ޕޭމެންޓް ކަލެކްޝަނަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސާވާ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅުންހުރި މުއާމަލާތެއްގެ މެސެޖެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މަހުގެ 16 ވަނަ ދުވަހު އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބީއެމްއެލްގެ ސާވާ މެއިންޓަނަންސް މަސައްކަތުގެ ސަބަބުން، ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ މެސެޖުތައް ކަސްޓަމަރުންނަށް ލިބިދާނެ ކަމަށާއި، މިކަމަށް ސަމާލުވުމަށް ބޭންކުން ވެސް އެދިފައިވާ ކަމަށެވެ.
މި މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތަކީ އެމްޓީސީސީން ރާއްޖޭގެ އެކި ސަރަހައްދުތައް ހައި-ސްޕީޑް ފެރީތަކުން ގުޅާލުމަށް ދެމުން އަންނަ ޒަމާނީ ދަތުރުފަތުރުގެ ޚިދުމަތެކެވެ. މި ޚިދުމަތް މިހާރު 12 އަތޮޅަކަށް އަންނަނީ ފޯރުކޮށްދެމުންނެވެ.