ސިހުރުވެރިންނަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިން ބައެއް: ޚުތުބާ

އާސަހަރާއިން ފެނުނު ސިހުރެއް ކަމަށް ބުނާ އެތި -- ފޮޓޯ: އަހްމަދު މުނައްވަރު (ފޭސްބުކް)

ސިހުރުވެރިންނަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިން ބައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ސިހުރުހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމަށާއި އެއީ ޝިރުކުގެ ޢަމަލެއްކަން ހަނދާންކޮށްދީފައެވެ. އަދި ސިހުރުވެރިޔާ ކޮންމެ ކަމެއްގައިވެސް ޝައިތޯނާއަށް ކިޔަމަންވުމަށް އޭނާއާއެކު އަހުދުކަށަވަރު ހިފުމަށް ދާންދެން މެނުވީ ސިހުރުވެރިއަކަށް ނުވެވޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޖުނުބުވެރިކަމުން ހިނައިނުގަނެ ދިގު މުއްދަތަކަށް ހުރުމަށާއި ފަޅު ތަންތަނަށް ނުވަތަ ކުނިބުންޏާއި ނަޖިސް ތަންތަނަށް ގޮސް އެ ތަންތަނުގައި ގިނަ ވަގުތު ހޭދަކުރުމަށާއި ކީރިތި ޤުރްއާނަށް އިހާނެތިކޮށްހިތުމުގެ އިތުރުން ވުލޫއާ ނުލައި ނަމާދުކުރުންފަދަ ކަންކަމަށް ޝައިތޯނާ ސިހުރުވެރިޔާއަށް އަމުރުކުރާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ޖިންނިޝައިތޯނުންގެ ނަމުގައި ކަތިލައި، ޖިންނިޝައިތޯނުންގެ އެހީއަށް އެދި އެ ނޫން ވެސް ބޮޑެތި ފާފަތަކަށް އަރައިގަނެ، އިސްލާމް ދީނުން ބޭރުވެގެން މެނުވީ ސިހުރުވެރިޔާއަށް އޭނާގެ ސިހުރު ފުރިހަމައެއް ނުކުރެވޭނެ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މި ސަބަބަށް ޓަކައި ސިހުރުވެރިޔާގެ ކާފިރުކަމާއި ނުބައިކަން ބޮޑުވެ، މާތް ﷲއާއި އެކަލާނގެ ރަސޫލާއަށާއި މުއުމިން އަޅުންނަށް ހުރި ޢަދާވާތްތެރިކަން ބޮޑުވިވަރަކަށް، އޭނާގެ ސިހުރުގެ ބާރުގަދަވެ އަވަހަށް އަސަރުކުރާ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

"އަދި އެއުރެންނާ އެކުގައިވާ ފޮތް ތެދުކުރައްވާ ރަސޫލަކު ﷲގެ ހަޒުރަތުން އެއުރެންގެ ގާތަށް ވަޑައިގަތް ހިނދު ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު ﷲގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ ﷲ ބާވައިލެއްވި ފޮތެއްކަން ވެސް) އެއުރެން ނުދަންނަ ކަހަލައެވެ. އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން ތަބާވޫއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު އެ ޝައިތޯނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ." ހުކުރު ޚުތުބާގައި ކިޔައިދިނެވެ.

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚުތުބާގައި ވަނީ ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަމަށް ބުނެފައެވެ. އަދި ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް އޭނާއަށް ކާމިޔާބެއް ނުވާނެ ކަމަށް މާތް ﷲ ވަހީ ކުރައްވާފައިވާއިރު، ސިހުރުވެރިޔާއަށް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް ނަސީބެއް ނުވާކަން މިއަދު ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިންވާ މީހެއް ކަމަށާއި އޭނާގެ ފާފައިގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމުން އޭނާ ގަތުލުކުރުމަށް ސަހާބީންނާއި ތާބީ ބޭކަލުންގެ ތެރެއިން ޖަމާތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވާކަމުގައިވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ އަޖުމަބަލައިލުމުގެ ނިޔަތުގައިވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ގަބޫލުކުރުން ނަހީކުރައްވާފައިވާކަން ހަނދާންކޮށްދީފައެވެ. އަދި ފަރުވާކުރުމުގެ ނަމުގައި ގެންނަ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި ޢާއިލާތަކާއި މުޖުތަމައުގައި ބޮޑެތި ފިތުނަވެރިކަން އުފެދެނީ ކިހައިވަރަކަށް ތޯ ސުވާލުއުފައްދައި ޚުތުބާގައި ވަނީ މި ފަދަ ކަންކަމަށް ހެއްލި ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލުމަށް ހަނދާންކޮށްދީފައެވެ.

އަދި މި ފަދަ ބާތިލު ވަހުމްތަކާއި ޝައްކުތަކުން ހިތްތައް ސަލާމަތްކޮށް ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް އެކަލާނގެއަށް ދުއާ ދެންނެވުން ކަންވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތްﷲ ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަގީންކަމާ އެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހޭ ކަމަށާއި ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން، ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޝަރުޢީ ރުގްޔާއަކީ ކީރިތި ގުރްއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ އަރިހުން ސާބިތުވެފައިވާ ދުއާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެއް ކަމަށާއި އޭގެ ތެރޭގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް ނުވަތަ ނޭނގޭ ބަސްތަކެއް ނުވާކަމަށާއި ޞައްޚަ ގޮތުގައި ރުގްޔާކުރާ މީހާ މައިންބަފައިންގެ ނަމެއް ނާހާނެ ކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް