ޚުތުބާއިން ބަސްކޮޅެއް: ފޯނު ނިވޭނެ ކަމުގެ ބިރަށް ޗާޖުކުރާހެން ސައްހަ އަގީދާ ބީވެދާނެކަން ވިސްނަނީ ކާކު؟

މީހުންތަކެއް ނަމާދުކުރަނީ: މިއަދުގެ ޚުތުބާގައި ވަނީ، ވިސްނަން ޖެހޭ އަގުހުރި ނަސޭހަތްތަކެއް ދީފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޯނު ނިވިދާނެ ކަމުގެ ބިރަށް ޗާޖުކުރާ ގޮތަށް ސައްހަ އަގީދާ ބީވެދާނެކަން ވިސްނަނީ ކާކުތޯ ސުވާލުކޮށް، މިއަދުގެ ޚުތުބާގައި އަގުހުރި ނަސޭހަތްތަކެއް ދީފިއެވެ.

އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި އަލިއަޅުވާލީ، އިސްލާމީ އަގީދާގެ މުހިންމު ކަމުގެ ވާހަކަތަކެވެ.

ޚުތުބާގައި ބުނީ، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ އަގީދާ ކަމަށާއި ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހެޔޮ ޢަމަލާއި ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެޔޮކަމެއްގެ ބިންގާ ކަމަށެވެ.

ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި ހިތާމައާއި އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަމާއި ނަޖާވުން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ބަޔަކު މިސްކިތުގައި ނަމާދުކުރަނީ: މިއަދުގެ ޚުތުބާގައި ވަނީ އަގުހުރި ނަސޭހަތްތަކެއް ދީފައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަދުގެ ޚުތުބާގައި ވަނީ، މުސްލިމުން ވިސްނައިލަން ޖެހޭ އަގުހުރި ނަސޭހަތްތަކެއް ދީފައެވެ. އޭގެތެރެއިން، ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ޙަޔާތް ވިއްކައިލަނީ ކިތައް މީހުންތޯ ޚުތުބާގައި ސުވާލުކުރިއެވެ.

މިގޮތުން، ބޭރުފުށް ރީތިކޮށް ދެއްކުމަށް އަހަރެމެން މަސައްކަތްކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެތެރެފުށުގެ ޙާލާމެދު ފިކުރުނުކުރާ ކަމަށެވެ.

އަދިވެސް އިތުރު އެހެން ނަސޭހަތެއް ޚުތުބާގައި ދީފައިވެއެވެ.

"މުސްލިމް އަޚުންނޭވެ! ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން، ފޯނު ނިވިދާނެކަމުގެ ބިރަށް ޓަކައި، ޗާޖުކުރުމަށް އަވަސްވެގަންނަމުއެވެ. ނަމަވެސް، މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނައިލީ ފަހެ ކާކުހެއްޔެވެ؟ އެ ނިޢުމަތަކީ ޞައްޙަ ޢަޤީދާއެވެ" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ، ސައްހަ އަގީދާގެ ނިއުމަތަކީ ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މަތިވެރި އަމާނާތެއް ކަމަށެވެ.

އިސްލާމީ މަރުކަޒަށް މީހަކު ނަމާދަށް އަރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މީގެއިތުރުން، ދުނިޔަވީ ޙަޔާތް ފާގަތިކުރުމަށާއި މުދަލާއި ދަރީންގެ މުސްތަޤުބަލަށްޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި އަހަރެމެންގެ ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އިސްލާމީ ޢަޤީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވަމުން އަންނަ ތަރިކައެއްގެ ގޮތުގައި ބަލައި، މި މަތިވެރި ނިޢުމަތާ މެދު އިހުމާލުނުވުމަށާއި ދީނާ ދުރު ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވުމަށް ޞައްޙަ ޢަޤީދާ ރަނގަޅަށް ދެނެގަނެ، އެ ގޮތުގައި ސާބިތުވުމަށް ޚުތުބާގައި ގޮވާލިއެވެ.

ޚުތުބާ ނިންމާލީ، އީމާންކަމުގެ މަތީ ދެމިތިބެ، އިބަރަސްކަލާނގެ މިންވަރުފުޅާ ރުހިގެންވާ ޙާލު، ﷲއާ ބައްދަލުކުރުމުގެ ތައުފީޤު ދެއްވުން އެދި ދުއާކުރައްވަމުންނެވެ.

comment ކޮމެންޓް