ދިވެހިރާއްޖެ ވޭތުވެދިޔަ ދިގު މާޒީގައި އޮތް ފަދައިން، ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ތެދުވެރި އަދި ވަފާތެރި ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައި މައުމޫން ވިދާޅުވީ، ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހު ރާއްޖެ އިސްލާމްދީން ގަބޫލުކުރި ފަހުން، މިއަދަށް 900 އަހަރު ފުރިފައިވާ ކަމަށެވެ.
މިއީ ވަރަށް މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ފޮނުއްވައިފައެވެ.
"އަޅުގަނޑު އެދެނީ ދިވެހިރާއްޖެ ވޭތިވި 900 އެތަކަށް އަހަރުވެސް އޮތްގޮތަށް ކުރިއަށް އޮތްތާންގައިވެސް ހަމަ އިސްލާމް ދީނަށް ވަފާތެރި، އިސްލާމް ދީނަށް ތެދުވެރި، ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް،" މައުމޫން ވިދާޅުވިއެވެ.
https://x.com/maumoonagayoom/status/2099017075331318081
ވޭތުވެދިޔަ މާޒީގައި ކާބަފައިން ދެއްކެވި ފިލާވަޅުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަށް ތަފާތު އެކި ކަންތައްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި އެއްވެސް ލޮޅުމެއް އެރިޔަނުދީ ވަރަށް ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވި ކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ އަސްލު ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށްކަމަށް މައުމޫން ވިދާޅުވިއެވެ.
"އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގައުމީ ބިންގާ. އެ ގައުމު މިއޮތީ އިސްލާމް ދީނުގެ މަތީގައި ބިނާވެގެން. ހަމަ އެހެންމެ އެއީ ދިވެހި ގައުމިއްޔަތުގެ ވެސް ބިންގާ،" މައުމޫން ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އެންމެހައި ދިވެހި ރައްޔިތުން ކާބަފައިން ފަދައިން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައާއި އެ ދީނުގެ ޚިދުމަތުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގެން މައުމޫން ވަނީ އިލްތިމާސްކުރައްވައިފައެވެ.