ފީފާ ވޯލްޑް ކަޕު 2026 ގެ ސެމީ ފައިނަލުގައި އިންގްލެންޑުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ ކާމިޔާބުކުރި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ އެޓްލާންޓާގައި ހުންނަ މާސެޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ވާދަވެރިކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިގެންދިޔަ ފޯރިގަދަ ކުރިމަތިލުމެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތް ނަމަވެސް، ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް އިންގްލެންޑުގެ އެންތަނީ ގޯޑަން ވަނީ 55 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އިންގްލެންޑަށް ކުރިހޯދައިދީފައެވެ.

އިންގެންޑުގެ އެންތަނީ ގޯޑަން ލަނޑު ޖެހުމަށްފަހު--
ނަމަވެސް، ހިތްވަރު އެލުވާނުލައި ކުޅެމުންދިޔަ އާޖެންޓީނާއިން މެޗުގެ 85 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒްގެ ގޯލުން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލައުޓާރޯ މާޓީނޭޒް ޖަހައިދިން ހިތްގައިމު ލަނޑާއެކު އާޖެންޓީނާ ވަނީ އިންގްލެންޑުގެ ވޯލްޑް ކަޕް ހުވަފެންތައް ފުނޑުފުނޑުކޮށްލާފައެވެ.
މި ދެ ގައުމުގެ ފުޓްބޯޅަ ތާރީޚަށް ބަލާއިރު، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ލިޔެވިފައިވާ އެންމެ ބޮޑު އެއް ވާދަވެރިކަމެވެ. ޚާއްޞަކޮށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑިއޭގޯ މަރަޑޯނާ ޖެހި "ހޭންޑް އޮފް ގޯޑް" ލަނޑާއި، "ސެންޗަރީ ގޯލް" އާއެކު އިންގްލެންޑް ބަލިކުރި ހަނދާންތަކަކީ މި މެޗާ ކުރިމަތިލިއިރު އެންމެ ބޮޑަށް ވާހަކަދެކެވުނު ކަންކަމެވެ.
މީގެ އިތުރުން 1998 ގެ ފޯރިގަދަ ކުރިމަތިލުމާއި 2002 ގައި އިންގްލެންޑުން ބަދަލުހިފި މެޗަކީވެސް މި ވާދަވެރިކަން ދިރުވައިދޭ ތާރީޚީ ސަފުހާތަކެކެވެ.
މި ބޮޑު މޮޅާއެކު އާޖެންޓީނާ ދެން ނިކުންނާނީ އެންމެ ޝަރަފުވެރި ރަން ތަށި ދިފާއުކުރުމުގެ ރަސްމީ ކުރިމަތިލުމަށެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ބޮޑު ފައިނަލް މެޗު އޮންނާނީ 19 ޖުލައި 2026 ވާ އާދީއްތަ ދުވަހު، އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ (މެޓްލައިފް) ސްޓޭޑިއަމްގައެވެ. މި ފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީ ފައިނަލްގައި ފްރާންސް ބަލިކުރި ވަރުގަދަ ސްޕެއިންއާއެވެ.
މިއީ ފިރިހެނުންގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވޭ "ހާފް-ޓައިމް ޝޯ" އާއެކު، މެޑޯނާ، ޖަސްޓިން ބީބަރ އަދި ބީޓީއެސް ފަދަ ދުނިޔޭގެ މަޝްހޫރު ތަރިންގެ ހުށަހެޅުންތަކުން ފެނިގެންދާނެ ތާރީޚީ ފައިނަލެކެވެ.