އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް (މެޓްލައިފް ސްޓޭޑިއަމް) ގައި އަންނަ އާދީއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ވެގެންދާނީ ހަމައެކަނި ފުޓްބޯޅައިގެ ފޯރިގަދަ ކުރިމަތިލުމަކަށް އެކަންޏެއް ނޫނެވެ.
މިއީ މިއުޒިކާއި، ސަގާފަތް އަދި ފުޓްބޯޅަ އެއްކޮށްލައިގެން ދުނިޔެއަށް ދައްކާލާނެ ތާރީޚީ ހަރަކާތެކެވެ. ފީފާއިން ދަނީ މި މެޗުގެ ހާފް-ޓައިމް ބްރޭކް، އާންމުކޮށްދޭ 15 މިނެޓުގެ ބަދަލުގައި 20 އާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް ދިގުދަންމާލުމަށް ތައްޔާރުވަމުންނެވެ.
މި ބޮޑު ބަދަލު ގެންނަނީ އެމެރިކާގެ މަޝްހޫރު "ސުޕަ ބޯލް" ގެ ހާފް-ޓައިމް ޝޯތަކާ އެއްފަދަ، ދުނިޔޭގެ އެންމެ މަގުބޫލު މިއުޒިކީ ތަރިން ހިމެނޭ ވަރުގަދަ މިއުޒިކަލް ޝޯއެއް ދައްކާލުމަށެވެ.
ފުޓްބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ ބޯޑުގެ ރަސްމީ ގަވާއިދު ބުނާގޮތުން ހާފް-ޓައިމް ބްރޭކް 15 މިނެޓަށްވުރެ ދިގުވެގެން ނުވާނެއެވެ. ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މެޗަށް ކަނޑައަޅާ ރެފްރީ މި އިތުރު ވަގުތަށް ރަސްމީކޮށް ހުއްދަ ދޭނެއެވެ.
ފީފާއިން ވަނީ މިކަމުގެ އިދާރީ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައެވެ. މީގެ ކުރިން 2025 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ވެސް ފީފާއިން ވަނީ މިފަދަ ތަޖުރިބާއެއްކޮށް، ހާފް-ޓައިމް 24 މިނެޓަށް ދިގުދަންމާލާފައެވެ. އެ ފަހަރު ކޯލްޑްޕްލޭ، ޖޭ ބަލްވިން އަދި ޑޯޖާ ކެޓް ފަދަ ފަންނާނުންގެ ހުށަހަޅުންތައް ފެނިގެންދިޔައިރު، ފައިނަލް ކުޅުނު ޗެލްސީއާއި ޕީއެސްޖީގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ސަބަބަކީ ބްރޭކް ދިގުވުމުގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް އޭގެ އަސަރުކުރިއެވެ.
މެޗު ފެށުމުގެ 90 މިނެޓު ކުރިން، ރާއްޖެ ގަޑިން 22:30 ގައި ބާއްވާ ކްލޯޒިން ސެރެމަނީގައި ވެސް ގިނަ ތަރިންތަކެއް ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ ސުޕަރސްޓާ ޓޮމް ކްރޫޒް، ރޮބީ ވިލިއަމްސް، ލައުރާ ޕައުސީނީ، ނިކޯލް ޝެރޒިންގަރ އަދި ޔޫޓިއުބް ތަރި އައިޝޯސްޕީޑް ހިމެނެއެވެ. އަދި އެމެރިކާގެ ގައުމީ ސަލާމް ކިޔައިދިނުމުގެ ޝަރަފު ލިބިގެންވަނީ އެމީ, ގްރެމީ, އޮސްކާ އަދި ޓޯނީ އެވޯޑް ހާސިލްކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ ޖެނިފާ ހަޑްސަންއަށެވެ.
ފައިނަލް މެޗު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.
މި ބަދަލުގެ ސަބަބުން ކުޅިވަރުގެ ގޮތުން ވެސް ޓީމުތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. ހައި-ޕްރެސިން ގޭމެއް ކުޅޭ ނުވަތަ މެޗުގެ މޮމެންޓަމް ހިފަހައްޓަން ބޭނުންވާ ޓީމުތަކަށް، މިހާ ދިގު މެދުކެނޑުމެއްގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެ ކުޅުމުގެ ރިދަމް ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ނަމަވެސް، އަނެއްކޮޅުން ވަރުބަލިވެފައިވާ ކުޅުންތެރިންނަށް ރިކަވަރީއާއެކ ޓީމުގެ ރޭވުންތައް ބަދަލުކުރުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.
ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ހެއިމޯ ޝިރްގީ ވިދާޅުވި ގޮތުގައި، މިކަން ވެގެންދާނީ ދުނިޔޭގެ ޗެމްޕިއަނުން ކަނޑައެޅުމުގެ ކުރިން ބާއްވާ ތާރީޚީ، އަދި އެހާމެ ކުލަގަދަ އުފާފާޅުކުރުމަކަށެވެ.