ބޮކްސާ ތެރެއިން ޑްރަގް ނަގައި ފުލުހުންނާ އަމިއްލައަށް ހަވާލުކުރުމަށް ފަހު ބުނީ އެއީ "ބޯން ގެންގުޅުނު އެއްޗެއް" ކަމަށް

މީގެ ކުރިން ފުލުހުން ހިންގި އޮޕަރެޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓުތަކެއް -- ފޮޓޯ: ފުލުހުން

ލައިގެންހުރި ބޮކްސާ ތެރެއިން އަމިއްލައަށް މަސްތުވާތަކެތި ނެގުމަށްފަހު، އެ ތަކެތި ފުލުހުންނާ ހަވާލުކޮށް އެއީ ބޯން ގެންގުޅުނު ތަކެތި ކަމަށް ބުނި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. ފެންފުށީ، ޒަމާނީވިލާ އުމުރުން 52 އަހަރުގެ އިބްރާހީމް މުޙައްމަދެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރާ މައްސަލައިގައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާން ކޯޓު އަމުރުގައި ވަނީ ހިމަނާފައެވެ.

އެ ބަޔާނުގައި ފުލުހުން ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރޭގައި މާރުކޭޓުގެ އުތުރު ފަރާތުގައި ހުރި އައިސް ފޮށިތަކެއްގެ ކައިރީގައި އޭނާ އާއި ލ. އިސްދޫ، އެއްދަގަނޑުގޭ، އަޙްމަދު ސަމްހާދު ހުއްޓާ ފުލުހުން އެ ދެމީހުންގެ ގާތަށް ދާންފެށުމުން އޭނާގެ އަތުން އެއްޗެއް ބިންމައްޗަށް ވައްޓާލި މަންޒަރު ފުލުހުންނަށް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ފުލުހުން އޭނާ ބަލައި ފާސްކުރުމުން، އޭނާ ލައިގެންހުރި ބޮކްސާ ތެރެއިން ނަގައި އަމިއްލައަށް ފުލުހުންނާ ހަވާލުކުރި ރަބަރު ޕެކެޓުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު ފެނުމުން، އެކަމާ ގުޅިގެން ފުލުހުން ސުވާލުކުރުމުން އެއީ އޭނާ ބޯން ގެންގުޅޭ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

އަދި އޭނާ އެއްޗެއް ވައްޓާލި ދިމާ ބަލައިފާސްކުރިއިރު ބިންމަތިން ނެގި މަސްތުވާތަކެތި ކަމަށް ޝައްުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިގެން ސުވާލުކުރުމުން އެއީ އޭނާ ބޭނުންކުރަން ގެންގުޅޭ އެއްޗެއްކަމަށް ބުނެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ އޭއެމްޕީއާއި ބެންޒޯގެ އިތުރުން އޯޕީއައި އަދި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާއިރު އޭނާގެ ބަންދުގެ މުއްދަތު ފަށާފައި ވަނީ މިއަދެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހެއްވާ ހޮނިހިރު ދުވަހަށެވެ.

comment ކޮމެންޓް