އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި

ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަޝިޕް މަޝްރޫޢުއަށް 152 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ދިނުން.. ފޮޓޯ/ ފޮރިން މިނިސްޓްރީ

ޖަޕާން ސަރުކާރުގެ 'ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)' ގެ ދަށުން މި އަހަރަށް ދޭން ހަމަޖެހިފައިވާ ސްކޮލަޝިޕް ފުރުސަތުތަކާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީއެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަޝިޕް މަޝްރޫޢުއަށް 152 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ދިނުން.. ފޮޓޯ/ ފޮރިން މިނިސްޓްރީ

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، ޝެރީނާ ޢަބްދުއްޞަމަދެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މި އެހީގެ މައިގަނޑު މަގްސަދަކީ ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމެވެ.

ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަޝިޕް މަޝްރޫޢުއަށް 152 މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ދިނުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މީގެ އިތުރުން، މުސްތަގްބަލުގައި ރާއްޖޭގެ އިޖުތިިމާޢީ އަދި އިގުތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު ޒުވާނުން ބިނާކުރުމަކީ ވެސް މި ޕްރޮގްރާމުގެ މުހިއްމު ލަނޑުދަނޑިއެކެވެ.

މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް ޖުމްލަ 17 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަޢުލީމު ހާސިލްކޮށް ދަސްވެނިވެފައި ވެއެވެ. އަދި މިހާރު ވެސް ޖަޕާނުގެ އެކި ޔުނިވަސިޓީތަކުގައި ރާއްޖޭގެ ނުވަ ދަރިވަރަކު މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޚާރިޖީ ވުޒާރާއާއި، ތައުލީމާއި މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާއި ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއާއި، ޖަޕާނުގެ އެމްބަސީ އާއި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނު ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕްގެ ދަށުން ރާއްޖެއަށް 152 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް 1 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ސަފީރު އިޝިގާމީ ރުމިކޯއެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުން މާސްޓާސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމެވެ. މީގެ ސަބަބުން ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގައި އިސްދައުރެއް އަދާކުރާނެ ގާބިލު ޒުވާނުންތަކެއް ބިނާކުރެވިގެންދާނެއެވެ.

  • ޖަޕާނުން ރާއްޖެއަށް 152 މިލިއަން ޔެންގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން.
  • މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕް ދިނުމަށެވެ.
  • ދިވެހި ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަސިޓީތަކުން މާސްޓާސް ޑިގްރީ ފުރިހަމަކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
  • 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 17 ދަރިވަރަކު މި ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލުކޮށްފައިވެއެވެ.
  • މިހާރުވެސް 9 ދަރިވަރަކު އަންނަނީ ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
comment ކޮމެންޓް