ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިބި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން-- ފޮޓޯ/ ފުލުހުން

އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 90 ދުވަހަށް ބަންދުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު ގެއަށް ވަދެ ތިއްބައެވެ.

މި ޖުލައި މަހުގެ 13 ވަނަ ދުވަހު މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން "އުއްމީދު" ގެ ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ.

މި ގެއަކީ މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ތަނެއް ކަމަށް ތުހުމަތު ކުރެވިގެން ވަކި މުއްދަތަކަށް ސީލްކޮށްފައިވާ ތަނެކެވެ.

ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ.

އެހެންކަމުން މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތް ގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 90 ދުވަހަށް ސީލްކޮށްފައިވާ ސ. މަރަދޫފޭދޫ އުއްމީދު ނަމަކަށް ކިޔާ ގެއަކަށް ވަދެ ތިބި 32 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވާއިރު، ޖުލައި 13 ވަނަ ދުވަހު ކޯޓުން ވަނީ މި މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކޯޓުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދަނެތި ވަނުމަކީ ކުށަކަށްވާތީ، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ.

  • ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ވަދެތިބި ދެ މީހަކު ހައްޔަރުކުރުން.
  • ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ އަންހެނެއް.
  • މި ދެ މީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވުމާއެކު، ބަންދަށް 15 ދުވަސް އިތުރުކުރުން.
  • ކޯޓުން ސީލްކޮށްފައިވާ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާމެދު ފުލުހުން ހަރުކަށި ފިޔަވަޅު އަޅާނެކަން ހާމަކުރުން.
comment ކޮމެންޓް