މި ސަރުކާރުން މުވައްޒަފުންގެ ހައްގުތަކަށް އަރައިގަންނަމުން އަންނަ ކަމަށް ވިދާޅުވެ، ސަރުކާރުން މަސައްކަތްތެރިންނާ މެދު ދެކެނީ ހިފާ ގެންގުޅޭ ތަކެތީގެ ގޮތުގައި ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު މިއަދު ސިފަކުރައްވައިފިއެވެ.
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ގޮތުން އެތައް މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށް ވިދާޅުވެ ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މަޢުރޫފް ވިދާޅުވީ، ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އިއްޒަތްތެރި ރައީސް، ކޮމޯޑިޓީސްގެ ގޮތުގައި ހިފާ ގެންގުޅޭ މުދަލުގެ ގޮތުގައި މިއަދު މަސައްކަތްތެރިން މި ސަރުކާރުން ދެކެނީ، މިއީ ކޮން ޒަމާނެއްތޯ؟ މިއީ 21ވަނަ ގަރުނޭ، ހިފާ ގެންގުޅޭ މުދަލުގައި، ބޭނުންވީމާ ވަޒީފާ ދީފައި ބޭނުންވީމާ ކަނޑާލައިފައި އަނެއްކާ އަނެއް ދުވަހު އަނެއް ވަޒީފާ ދީފައި އަނެއް ދުވަހު އަމައަށް ގުޅައިގެން ބިރު ދައްކާ އެބަ ދަރިން ސިޔާސީ ކަންކަމުގައި އުޅެނީއޭ ކިޔައިފައި ވަޒީފާއިން ކަނޑާލާނަމޭ،" މަޢުރޫފް ވިދާޅުވިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގައި ވެސް އިސްކޮށް އުޅުއްވާ މަޢުރޫފް ވިދާޅުވީ ރަށްރަށުގައި ތިބި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޔޫނިއަންތައް ހަދައި، ކުންފުނިތަކުގެ ވެރިންނަށް ފިޔަވަޅު ނޭޅޭ ވަރަށް އިންތިޒާމުވުން ކަމަށެވެ.
އެއަށްފަހު ހަޅުތާލުކުރުމުގެ ބާރު މުވައްޒަފުންގެ އަތް މައްޗަށް ނަގަންވީ ކަމަށް، މަޢުރޫފް ވިދާޅުވިއެވެ. އެއާއެކު މަޢުރޫފް ވިދާޅުވިގޮތުގައި، ހުއްދަ ހޯދުމަކާ ނުލައި އިހުތިޖާޖުކުރުމާއި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަ ނަމަ ހަޅުތާލުކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ލިބޭ ހައްގެކެވެ.
ޔޫނިއަންތައް ހަދައި މުވައްޒަފުން އިންތިޒާމުވެ ހަޅުތާލުކުރުމުގެ ބާރު މުވައްޒަފުންގެ އަތް މައްޗަށް ނެގުމުން، މުވައްޒަފުންނަށް ކުންފުނިތައް ހުއްޓައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރުން އެއްވެސް މަސައްކަތްތެރިޔަކު ކަނޑާލާކަށް ނުކެރޭނެ އިއްޒަތްތެރި ރައީސް، އެއްވެސް މީހަކު ވަޒީފާއިން ވަކިކުރާކަށް ނުކެރޭނެ، މުޅި ކުންފުނީގެ ބާރު މަސައްކަތްތެރިންގެ އަތް މައްޗަށް ނެގިގެން ދާނެ، ކުންފުނިތަކުގެ ވެރިން އޭރުން ތިބެން ޖެހޭނީ މަސައްކަތްތެރިންގެ ދަށުގައި ސައިޒުވާން،" މަޢުރޫފް ވިދާޅުވިއެވެ.
އެއާއެކު އެއް މުވައްޒަފަކު އަނެއް މުވައްޒަފުގެ ހައްގުގައި ނުކުތުމަށް މަޢުރޫފް ގޮވައިލެއްވިއެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު މަޢުރޫފް ހުށަހެޅުއްވި ގަރާރުގައި ވަނީ ވަޒީފާއިން ވަކިކުރަމުން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މި ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ، އަދި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ކަމަށާއި އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ކަމަށެވެ.
ނަމަވެސް މިދިޔަ ޖޫން މަހު ފަހުކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެކަން ދޮގުކުރެއްވި ކަމަށް އެ ގަރާރުގައިވެއެވެ.
ގަރާރުގައި ސިފަކޮށްފައިވާ ގޮތުގައި ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމި ނިންމުން ބޭނުންކުރަނީ ނާޖާއިޒު ގޮތެއްގައި، ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުންނެވެ.