ވޯލްޑް ކަޕުގެ ނާކާމިޔާބީއަށްފަހު އުރުގުއާއީގެ ކޯޗުކަމާ ޑިއެގޯ ފޯލާން ހަވާލުވެއްޖެ

އުރުގުއޭގެ ކުރީގެ ފުޓުބޯޅަ ތަރި ޑިއެގޯ ފޯލާން--

ގުއާއީ ގައުމީ ފުޓްބޯޅަ ޓީމުގެ ތާރީޚުގައި އާ ބާބެއް ފެށިއްޖެއެވެ. ފީފާ ވޯލްޑް ކަޕުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާނ ޖެހުނު އުރުގުއާއީގެ ވަގުތީ ހެޑު ކޯޗުކަމުގެ މަގާމަށް އެ ގައުމުގެ ކުރީގެ ފުޓުބޯޅަ ތަރި ޑިއެގޯ ފޯލާން ހަމަޖައްސައިފިއެވެ.

އުމުރުން 47 އަހަރުގެ ކުރީގެ މަޝްހޫރު ފޯވާޑަށް މިވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމާ ކުރިމަތިލާންޖެހިފައެވެ. އެއީ ބޮޑު އުއްމީދަކާއެކު ވޯލްޑް ކަޕަށް ނުކުމެ، ފަހުގެ ތާރީޚެއްގައި ދެއްކި އެންމެ ދަށް ކުޅުމަށްފަހު އަލުން ގައުމީ ޓީމު ކޮޅަށް ނެގުމުގެ މަސްއޫލިއްޔަތެވެ.

އުރުގުއާއީ ގްރޫޕް ސްޓޭޖް ނިންމާލީ އެކުއެކީ ލިބުނު 2 ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ. އެއީ ސްޕެއިން، ކޭޕް ވާޑޭ އަދި ސައުދީ އަރަބިއްޔާގެ ފަހަތުންނެވެ. މި ނާކާމިޔާބީއާއެކު އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ މުބާރާތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދީފައެވެ.

އުރުގުއާއީ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި ފޯލާންއާއެކު ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. އެއަށްފަހު ފެޑެރޭޝަނުން އޭނާގެ ފެންވަރު ވަޒަންކުރުމަށްފަހު، އެގްރީމެންޓް އިތުރުކުރުން ނުވަތަ ކުރިއަށްއޮތް ވޯލްޑް ކަޕަށް އާ ކޯޗެއް އައްޔަންކުރުމާމެދު ގޮތެއް ނިންމާނެއެވެ.

ސީނިއާ ގައުމީ ޓީމަށް އިރުޝާދު ދިނުމުގެ އިތުރުން، 2027 ވަނަ އަހަރު އޮންނަ ސައުތު އެމެރިކާގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާ އުރުގުއާއީގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައިވެސް ފޯލާން ދެމިހުންނާނެއެވެ.

އުރުގުއާއީގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރާ ފޯލާންއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އުރުގުއާއީއަށް ރީތި ނަމެއް ހޯދައިދިން ރަން ޖީލުގެ އެންމެ މުހިންމު އެއް ތަނބެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އޭނާ ދެއްކި ކުޅުމަކީ އުރުގުއާއީގެ ކުޅުންތެރިއަކު މިހާތަނަށް ދެއްކި އެންމެ މޮޅު އެއް ކުޅުމެވެ. އެ މުބާރާތުގައި 5 ގޯލު ޖަހައި، އުރުގުއާއީ ސެމީ ފައިނަލަށް ގެންގޮސްދީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް އެވޯޑުވެސް އޭނާ ހޯދިއެވެ.

ކްލަބް ފުޓްބޯޅައިގައި ފޯލާން ވަނީ މެންޗެސްޓާ ޔުނައިޓެޑް، ވިޔަރެއާލް، އެތުލެޓިކޯ މެޑްރިޑް ފަދަ ކްލަބްތަކަށް ކުޅެފައެވެ.

comment ކޮމެންޓް