ފީފާ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތަށްފަހު ފެށުމަށް ފީފާއިން ތައްޔާރުވެއްޖެއެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕަކީ ހަމައެކަނި ޔޫރަޕާއި ދެކުނު އެމެރިކާއަށް އެކަނި އަމާޒުކުރެވޭ މުބާރާތަކަށް ވެގެންނުވާނެ ކަމަށާއި، އެއީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ މުބާރާތަކަށް ވާންޖެހޭ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ގައުމަކަށްވެސް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ހުވަފެން ދެކޭނެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންފަންޓީނޯ ފާހަގަކުރެއްވި ގޮތުގައި 48 ޓީމާއެކު މިހާރު ކުރިއަށްދާ މުބާރާތުންވެސް ކުދި ގައުމުތަކުގެ ފެންވަރު ރަނގަޅުވަމުންދާކަން ސާބިތުވެއެވެ.
ނަމަވެސް މުބާރާތް 64 ޓީމަށް އިތުރުކުރުމުގެ ހުށަހެޅުމަށް ބައެއް ބައްރުތަކުގެ ފުޓުބޯޅައިގެ މައި އިދާރާތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންމެބޯލް) އިން 2025 ވަނަ އަހަރުގެ އެޕްރީލް މަހު މި ހުށަހެޅުން ހުށަހެޅި ނަމަވެސް، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) ގޭ ރައީސް އަލެކްސެންޑާ ސެފެރިން ވަނީ މިއީ މުބާރާތުގެ ފެންވަރާއި ކޮލިފައިން ބުރުތަކަށް ނޭދެވޭ އަސަރުކުރާނެ ހިޔާލެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އޭޝިއާ (އޭއެފްސީ) އަދި އުތުރު އެމެރިކާ (ކޮންކާކަފް) ގެ އިދާރާތަކުންވެސް ވަނީ މިއީ މުޅި ފުޓްބޯޅަ ނިޒާމަށް ބޮޑެތި އޮޅުންބޮޅުންތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ބުނެފައެވެ.
މުބާރާތް ބޮޑުކުރުމުން ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މުބާރާތް އިންތިޒާމުކުރުމުގެ މައްސަލައެވެ. މުބާރާތުގައި 64 ޓީމު ބައިވެރިވެއްޖެނަމަ، ޖުމްލަ 128 މެޗު ކުޅެންޖެހޭނެއެވެ.
މިއީ ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ގައުމުތަކަށް މުބާރާތުން ޖާގަ ލިބޭނެ ބަދަލަކަށް ވީނަމަވެސް، އެކަނި ގައުމަކަށް މިއަދު މިފަދަ ބޮޑު މުބާރާތެއް ހޯސްޓްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މީގެ ސަބަބުން ގައުމުތައް ގުޅިގެން މުބާރާތް ބާއްވަންޖެހޭއިރު، މިއީ މާލީ ގޮތުންނާއި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ.