ރާއްޖޭގެ އިގުތިޞާދުގައި 78 ބިލިއަން ރުފިޔާ ދައުރުވާއިރު، އެ ހުރިހާ ފައިސާއެއް 'ދުވަނީ' 800 މިލިއަން ޑޮލަރުގެ ފަހަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު މިރޭ ވިދާޅުވެއްޖެއެވެ.
ޑޮލަރު ލިބުން ދަތިވެ، ދުވަހުން ދުވަހަށް އަގު އުފުލޭތީ އިދިކޮޅު އެމްޑީޕީން މިރޭ ވަނީ 'ޑޮލަރެއް ނެތް' ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ.
އެ ޕެނަލް ޑިސްކަޝަނުގައި އިލްޔާސް ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުންނާއި މަސްވެރިކަމުންނާއި އެކި ގޮތްގޮތުން ރާއްޖެއަށް 5.5 ބިލިއަން ޑޮލަރު ލިބޭ ކަމަށް އެމްއެމްއޭއިން ބުނާއިރު، ދިވެހި ރުފިޔާ ހުރި މިންވަރަށް ވެސް ބަލަން ޖެހެއެވެ.
ތަފާސްހިސާބުތަކާ ހަވާލާދީ، އޭނާ ވިދާޅުވީ، 2020 ވަނަ އަހަރު ދިވެހި ރުފިޔާގެ ސަޕްލައި ހުރީ 41.4 ބިލިއަން ރުފިޔާގައި ކަމަށެވެ.
މި މަސް ފެށުނުއިރު، ދައުލަތުގެ މަނީ ސްޕަލައި ހުރީ، 78.4 ބިލިއަން ރުފިޔާގައި ކަމަށާއި ރާއްޖޭގެ އިގުތިޞާދުގެ ތެރޭގައި ދިވެހި ރުފިޔާ އެތައް ގުނައަކަށް އެނބުރޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ
މި 78 ބިލިއަން ރުފިޔާ މި ދަނީ ރާއްޖެއަށް އެވައިލަބަލް ހުރިހާ ޑޮލަރެއް ފަހާ ދުވަން. ރާއްޖޭގެ ބަޖެޓަށް ވަތް ކަމަށް ތަފާސްހިސާބުތައް ދައްކަނީ، 800 މިލިއަން ޑޮލަރޭމަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު
މިހާރު ކަޅު ބާޒާރުގައި ޑޮލަރު ހުރި އަގަށް ބަލާއިރުގައި، ރާއްޖޭގައި ޑޮލަރު ހުރީ އެންމެ 16 ބިލިއަން ރުފިޔާއަށް ވާ ވަރަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖެއަށް ޑޮލަރު ވަންނަނީ ހަމައެކަނި ފަތުރުވެރިކަމުން ކަމަށްވާއިރު، އެ ފައިސާ ބޭނުންކުރަނީ ހުރިހާ ކަމަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، ޑޮލަރުގެ ދަތިކަން ރާއްޖެއަށް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.