ޗައިނާއަށް ބާރުގަދަ ތޫފާނެއް އަރައިފިއެވެ.
މިއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޗައިނާއަށް އެރި ދެވަނަ ތޫފާން ކަމަށްވާއިރު، ތޫފާންގެ އަސަރު ކުރާނެ ކަމަށް ބެެލެވޭ ސަރަހައްދުތަކުން ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ވަނީ ހުސްކޮށްފައެވެ.
ގާތްގަނޑަކަށް ފްރާންސްގެ ފުޅާމިނުގައި 1،000 ކިލޯމީޓަރު (620 މޭލު) ދިގު ތޫފާން ބާވީ ފުރަތަމަ ފަރަށް އަރާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓައިޒޯ އަށެވެ. އޭގެފަހުން ވެންޒޯއަށް އަރާފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައި ވެއެވެ.
ތޫފާންގެ އަސަރު ވަނީ ޓައިވާނަށް ވެސް ކޮށްފައެވެ.
މީގެ ކުރިން ފިލިޕީންސްގައި ތޫފާނުގެ ސަބަބުން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 17 މީހަކު މަރުވެފައިވެއެވެ.
މި ތޫފާނުގެ ބާރު ހުޅަނގަށް ދަތުރުކުރާ ވަރަކަށް މަޑުމަޑުން ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބީބީސީން ރިޕޯޓުކޮށްފައި ވެއެވެ.

މީގެ ކުރިން އައި ތޫފާނުގެ އަަސަރު ޗައިނާގެ ދެކުނުގެ ބައެއް ހިސާބުތައް އަދިވެސް ދަނީ ކުރަމުން. ފޮޓޯ/ރޮއިޓާސް
ތޫފާން ބާވީގެ ސަބަބުން ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ޒެޖިއަންގްގައި 1.7 މިލިއަނަށްވުރެ ގިނަ މީހުން އަދި އަވަށްޓެރި ޕްރޮވިންސްތަކުން އިތުރު އެތައް ހާސް މީހުން ވަނީ ރައްކާތެރި ހިސާތަކަށް ބަދަލުކޮށްފައެެވެ.
ޒެޖިއަންގްގައި ސްކޫލުތަކާއި މަސައްކަތާއި ބޭރުގެ ހަރަކާތްތައް މެދުކަނޑާލާފައި ވާއިރު، 400 ފްލައިޓާއި ރޭލު ދަތުރުތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.
ގާތްގަނޑަކަށް 10 މިލިއަން މީހުން ދިރިއުޅެމުންދާ ވެންޒޫ ސިޓީއިންވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ލައްކައެއްހާ ރައްޔިތުން ހުސްކޮށްފައެވެ.
ބެއިޖިން އިންވެސް ވަނީ 100،000 މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ޓައިވާނަށް ވެސް ސީދާ ގެއްލުމެއް ނުލިބުނު ނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އޮތުމުން އެތައް ހާސް ބަޔަކަށް ވަނީ ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައެވެ.