ކައިވެނީގެ ކުރިން މުދަލާ ބެހޭ އެއްބަސްވުމެއް ހަދާ، އަމިއްލަ މިލްކިއްޔާތު ވަކިން ބަހައްޓަން ޚާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެ އަންހެނަކުވެސް ކުރުން މުހިއްމު ކަމެއް ކަމަށް އިންޑިއާގެ ބަތަލާ ސެލީނާ ޖެޓްލީ ބުނެފިއެވެ.
ފިރިމީހާ ޕީޓަ ހާގްގެ ކައިރިން ވަރިވުމުގެ މަރުހަލާގައި މިހާރު ކޯޓުގައި ގާނޫނީ ހަނގުރާމައެއް ކުރަމުންދާ ބޮލީވުޑްގެ ބަތަލާ ސެލީނާ ބުނި ގޮތުގައި، ކައިވެނީގެ ދުވަސްވަރު އޭނާގެ މުދާތައް ބަދަލުކުރުމަށް މަޖުބޫރު ކުރުވުމުގެ ސަބަބުން، މިއަދު އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ.
އެހެންކަމުން، ކޮންމެ އަންހެނަކު ވެސް ކައިވެނީގެ ކުރިން 'ޕްރީނަޕްޝަލް އެގްރީމެންޓް' ނުވަތަ ކައިވެނީގެ ކުރިން މުދާ ބެހުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށާއި، އަމިއްލަ މުދަލާއި ފައިސާ ވަކިން ރައްކާތެރި ކުރުމަށް ސެލީނާ ވަނީ ބާރުއަޅާފައެވެ.

ސެލީނާ ފިރިމީހާ ޕީޓައާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
"އަމިއްލަ މިލްކިއްޔާތެއް އޮތް ނަމަ، ކައިވެނީގެ ކުރިން އެއްބަސްވުމެއް ހެދުމަށް އަހަރެން ހުރިހާ އަންހެން ކުދިންނަށް އިލްތިމާސްކުރަން. މުދާތައް އަބަދުވެސް ވަކިން ބަހައްޓާ. ސަބަބަކީ، ކިތަންމެ ލޯތްބާއި، އަޅާލުމާއި، އެކުގައި އުޅުމަށްވި ވައުދުތަކާއި، ދަރިންނާއި، މަރުވުމާއި އުފަންވުން ފަދަ ހުރިހާ ކަމެއްގެ ނިމުންވެސް މި އަންނަނީ މުދަލާ ހިސާބަށް. މިއީ އަހަރެންގެ ހިތަށް އެންމެ ބޮޑަށް ތަދުވާ ކަންތައް" އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ސެލީނާ ބުންޏެވެ.
ސެލީނާ ހާމަކުރި ގޮތުގައި، ކައިވެނީގެ 15 ވަނަ އަހަރީ ދުވަހު ބަތަލާއަށް ހަދިޔާގެ ގޮތުގައި ލިބުނީ ވަރީގެ ލިޔުންތަކެވެ. އެ ލިޔުންތައް ހުރީ ޖަރުމަނު ބަހުން ކަމަށްވާތީ، އެ ކިޔައިދިނުމަށް ބަތަލާ އެދުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންގެ ކިބައިންނެވެ.
ސެލީނާ އިތުރަށް ތުހުމަތުކުރި ގޮތުގައި، ދިރިއުޅުމުގެ އުނދަގޫ ދަނޑިވަޅެއްގައި 20 ކްރޯޑް ރުޕީސްގެ މުދާ ބަދަލުކުރުމަށް އޭނާއަށް ފިރިމީހާގެ ފަރާތުން މަޖުބޫރުކުރުވިއެވެ. އަދި އޭގެ ސަބަބުން ކައިވެނީގެ ކުރިން އޭނާގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ބާރުވެސް މިހާރު ވަނީ ގެއްލިފައެވެ.
ސެލީނާ ވަނީ އޭނާގެ ފިރިމީހާ ޕީޓަ ހާގްގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި މައްސަލަ އިންޑިއާގެ މުމްބާއީ ހައިކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. ބަތަލާ ބުނާ ގޮތުގައި ކުދިން ބެލުމުގެ ހައްގު ދެމަފިރިންނަށް އޮތް ނަމަވެސް، ކުދިންނާ ބައްދަލުކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ހަނިކޮށްފައެވެ.
މި އަހަރުގެ މޭ މަހު، މުމްބާއީގެ ލޯ ފާމެއް މެދުވެރިކޮށް ޕީޓާ އާއި އޭނާގެ ބައްޕަ ވަނީ ސެލީނާއަށް ގާނޫނީ ނޯޓިސް ފޮނުވާފައެވެ. އެ ނޯޓިސްގައި ވަނީ ސެލީނާ ސޯޝަލް މީޑިއާގައާއި އިންޓަވިއުތަކުގައި ދައްކަމުންދާ ވާހަކަތަކަކީ އަބުރާ ބެހުން ކަމަށް ބުނެ، އެ ވާހަކަތައް ނެގުމަށާއި އާންމުކޮށް މާފަށް އެދުމަށް ގޮވާލާފައެވެ. އަދި އަނިޔާކުރި ކަމަށް ކުރާ ތުހުމަތުތައް އެ ފަރާތުން ވަނީ ދޮގުކޮށްފައެވެ.
ފަނަރަ އަހަރުގެ ދިގު މުއްދަތަކަށްފަހު ސެލީނާ ވަނީ ދާދިފަހުން އަލުން ފިލްމީ ދާއިރާއާ ގުޅުނުކަން އިއުލާނުކޮށްފައެވެ. ސެލީނާ އަލުން ފިލްމީ ދާއިރާއަށް އެނބުރި އަންނަނީ ރާމް ކަމާލް މުކަރްޖީ ޑައިރެކްޓްކުރާ ފިލްމު "ސިސްޓަ ނިވެދިތާ"އިންނެވެ.