އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ތަމަންނާ ބާޓިއާ ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ ފިލްމު "ވްވާން: ފޯސް އޮފް ދަ ފޮރެސްޓް" ރިލީޒްކުރާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ.
އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް އަރޫނާބް ކުމާރާއި ދީޕަކް ކުމާރު މިޝްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެންމެ ފުރަތަމަ ބެލުންތެރިންނަށް ގެނެސްދޭން ނިންމީ މި އަހަރުގެ މެއި މަހުއެވެ. އޭގެފަހުން ކުރިއަށް އޮތް އޮގަސްޓް މަހު ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނު ކުރެވުނެވެ.
ނަމަވެސް ފިލްމުގެ އާ މޯޝަން ޕޯސްޓަރަކާ އެކު ސިދާތު މަލްހޯތުރާ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ވްވާން" ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ގައި ކަމަށެވެ.

ފިލްމު "ވްވާން"ގެ އާ މޯޝަން ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ބާލާޖީ ޓެލެފިލްމްސް އާއި ދަ ވައިރަލް ފީވަ (ޓީވީއެފް) ގުޅިގެން އުފައްދާ މި ފިލްމަކީ، ހުރާފީ ފެންޓަސީ ފިލްމެއްގެ ގޮތުގައި އުފައްދާފައިވާ ފިލްމެކެވެ. ސިދާތު އާއި ތަމަންނާގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ، މަނީޝް ޕޯލް އާއި އަނޫޕް ސޯނީ އާއި ޝްވޭތާ ތިވާރީގެ އިތުރުން ސުނިލް ގްރޯވާ ވެސް ހިމެނެއެވެ.
ފިލްމު "ވްވާން" ހިމެނެނީ މި އަހަރު ސިނަމާތަކަށް ގެންނަ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭއެވެ. ފިލްމުގައި ގެނެސްދޭ ހާދިސާއަށް ބެލުންތެރިން ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބަހުރި ކަމަށާއި މި ފިލްމު ރިލީޒްކުރާނެ ތާރީޚަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ރެޑިފްގެ މެމްބަރުން ވަނީ ބުނެފައެވެ.
ސިދާތު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޕަރަމް ސުންދަރީ"އެވެ.