ހޫނު ގަދަވުމުގެ ސަބަބުން ޖަރުމަނުގައި 5،000އަށް ވުރެގިނަ މީހުން މަރުވެއްޖެ

ބާލިން (11 ޖުލައި 2026): ޖަރުމަނުގައި ގަދަ ހޫނުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ އިގްތިސާދީ ހަރަކާތްތަކަށް ހުރަސްއެޅިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހޫނުގަދަވުމުގެ ސަބަބުން މަރުވިކަމަށް ރިޕޯޓް ކޮށްފައިވަނީ 5،000 ވަރަކަށް މީހުންނެވެ. މީގެތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިބަލި ތަހައްމަލްކުރާ މީހުންނެވެ.

ހޫނު ގަދަވުމުގެ ސަބަބުން ބައެއް ކާރުޚާނާތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށްވެސްވަނީ ހުރަސް އެޅިފައެވެ.

ޖަރުމަނުގައި މި ދުވަސްވަރު ފިނި ހޫނުމިން ހުރީ 23 ޑިގްރީ ސެލްސިއަސް އާއި 26 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. މިއީ އާންމުކޮށް ފިނިކޮށް އޮންނަ ޖަރުމަނުގެ ރައްޔިތުންނަށް އާދަޔާ ޚިލާފަށް ހޫނު މިންވަރެކެވެ.

ޖަރުމަނަކީ ކުރިން ހޫނުމޫސުމުގައިވެސް އެހާ ހޫނު ގައުމެއް ނޫނެވެ. ނަމަވެސް މި ފަހަރު ޖަރުމަނުގެ ބައެއް ސަރަހައްދުތަކަށް ފިނި ހޫނުމިންވަނީ 27 ޑގްރީ ސެލްސިއަސްއަށް ވުރެވެސް މައްޗަށް ގޮސްފައެވެ. އަދި ހޫނުވައިގެ ތޫފާނެއް ވެސްވަނީ ކުރިމަތިވެފައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޖަރުމަނުގެ ގެތަކާއި އިމާރާތްތައް ވެސް ހުންނަނީ ހޫނުގަދަވާނަމަ އާވި އުފެދޭގޮތަށެވެ. ގްރީން ހައުސް އިފެކްޓްވާ ފަދަ ނުވަތަ އާވި އަރާފަދަ ގޮތަކަށެވެ. ޖައްވުވެސް އޮންނަނީ އެފަދަ ގޮތަކަށެވެ. އެއީ ވައިގެ ތެތްކަން އާދަޔާ ޚިލާފަށް ތެތްކަން ކުޑަވެ ހިކިކަން ބޮޑުކަމުންނެވެ. މިއީ އިންސާނުންނަށް ތަހައްމަލް ކުރަން ވަރަށް އުނދަނގޫ ހާލަތެކެވެ.

ޔޫރަޕްގެ ގައުމުތަކަށް މިހާރުވަމުންދާ ހޫނަކީ މިހާތަނަށް އަދި ތަހައްމަލް ނުކުރާފަދަ ހޫނެއްކަމަށް ވެއެވެ. ހޫނު ގަދަވުމުގެ ގަދަވުމުގެ ސަބަބުން ގެތަކާއި އިމާރާތްތަކުގައި އާވިހެދޭތީ ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ޗައިނާއިން ކޫލިން ފަންކާއާއި އެއާކޯން ގިނަ އަދަދަކަށް އިންޕޯޓް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ދެމަސްބައި ތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުންވަނީ ފެން ބޭނުންކޮށްގެން ފިނިކުރުމުގެ ނިޒާމު ހުންނަ ފަންކާތަކާއި އެއާކޯން ހިމެނޭގޮތަށް 3.5 ބިލިޔަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފިނިކުރާ ސާމާނު ޗައިނާއިން އިންޕޯޓްކޮށްފައެވެ.

މިކަމުގެ ސަބަބުން ޔޫރަޕާއި ޗައިނާގެ ޓްރޭޑް ބެލަންސްވަނީ އިތުރަށް ޗައިނާ ކޮޅަށް ބުރަވެފައެވެ. ޔޫރަޕްގެ އިއްތިޙާދުން ޗައިނާއިން ގާތްގަނޑަކަށް 600 ބިލިޔަން ޑޮލަރުގެ މުދައު އިންޕޯޓްކުރާއިރު ޔޫރަޕުން ޗައިނާއަށް އެކްސްޕޯޓް ކުރަނީ ގާތްގަނޑަކަށް 200 ބިލިޔަން ޑޮލަރުގެ މުދަލެވެ. ޔޫރަޕްގެ އާބާދީ މުސްކުޅިވެ މަސައްކަތްކުރާ އުމުރުގެ އާބާދީ މަދުވުމުގެ ސަބަބުންނާއި ތެލުގެ އަގު ބޮޑުކަމުން ޔޫރަޕްގެ ސިނާއީ އުފެއްދުންތައްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ޖަރުމަނުގައި މަރުވި ފަސް ވަރަކަށް ހާސް މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ މުސްކުޅި އާބާދީގައި ގިނައީ އަންހެނުން ކަމަށްވާތީއެވެ.

ސިއްހަތާބެހޭ ރިޕޯޓްތައް ބުނާގޮތުން ޔޫރަޕްގެ ގައުމުތަކުގައި ހޫނުގަދަވުމުގެ ސަބަބުން މީހުން މަރުވަނީ ހާޓްއެޓޭކް ޖެހުމާއި ހީޓް ސްޓްރޯކް ޖެހިގެންނެވެ. އާދަޔާޚިލާފަށް ހޫނު ގަދަވާނަމަ އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ހާޓްއެޓޭކް އާއި ހީޓް ސްޓްރޯކް އަދި އާންމުކޮށް ސިކުނޑިއަށް ސްޓްރޯކް ޖެހޭ މިންވަރުވެސް މަތިވާކަމަށް ވެއެވެ.

ހޫނުގަދަވެ ގެތަކާއި އިމާރާތްތަކުގެ އެތެރޭގައި އާވި އުފެދުމަކީ ހަށިގަނޑުން ފެން މަދުވުންފަދަ ބޮޑެތި މައްސަލަތައް ދިމާވާ ކަމެކެވެ. ހޫނުގަދަވުމަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައްވެސް އިތުރުވާ ކަމެކެވެ. މި ދިޔަ މަހާއި މިމަހުގެ ތެރޭގައި ޔޫރަޕްގެ ދެކުނުގެ ގައުމުތަކަށްވަނީ ހީޓްވޭވް ގެ ގިނަ ހާލަތްތަކެއް ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ކުރިމަތިވި ސިއްހީ މައްސަލަތަކާ އެ ގައުމުތަކުން 8،000އަށް ވުރެގިނަ މީހުން މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް