ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާއި އުސްމާން ޑެމްބެލޭ ކާމިޔާބުކުރި ލަނޑުތަކާއެކު ފީފާ ވޯލްޑް ކަޕުގެ ކުއާޓާފައިނަލުގައި މޮރޮކޯ 2-0 އިން ބަލިކޮށް ފްރާންސުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރުގެ ސެމީ ފައިނަލުގައިވެސް މި ދެ ޓީމު ވާދަކުރިއެވެ. އެފަހަރުގެ ފައިނަލަށް ފްރާންސް ދަތުރުުކުރީ މޮރޮކޯ ބަލިކޮށްގެންނެވެ.
މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު 34 މެޗުން ވެސް ބަލިވެފައިނުވާ މޮރޮކޯއަށް، އަނިޔާގެ ސަބަބުން އެޓީމުގެ މުހިންމު ފޯވަޑް އިސްމާއިލް ސައިބާރީ ނުލައި ނުކުންނަން ޖެހުމުން ކޯޗު މުހައްމަދު ވަހްބީ ވަނީ ޑިފެންސަށް ބަދަލުތަކެއް ގެނެސްފައެވެ.
މެޗު ފެށިގެން ފްރާންސުން ވަރުގަދައަށް އެޓޭކް ކުރަން ފެށިނަމަވެސް، ފުރަތަމަ ހާފުގައި ކީލިއަން އެމްބާޕޭ އާއި ޑަޔޮޓް އުޕަމެކާނޯ އަދި ޑޫއޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ 25 ވަނަ މިނެޓުގައި މައިކަލް އޮލީސޭ ދިން ބޯޅައަކުން އެމްބާޕޭ އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި މަޒްރައޯއީ ކުރި ފައުލަކަށް ފްރާންސަށް ޕެނަލްޓީއެއް ލިބުނެވެ.
ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު 3 މިނިޓާއި 12 ސިކުންތު ފަހުން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން ލޫކަސް ޑީންޏާ ޖެހި ބާރު ޝޮޓެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، މޮރޮކޯއަށް ފުރަތަމަ ހާފުގައި ފްރާންސްގެ ގޯލަށް ސީދާ އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ފްރާންސުން ކުޅުން އިތުރަށް ވަރުގަދަކޮށް މެޗުގެ ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. މިއީ ޑޫއޭ ދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ރޮނގު ކައިރިން ހިތްގައިމު ކާވްއަކުން ބޯޅަ ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކެޕްޓަން އެމްބާޕޭ ޖެހި ގޯލެކެވެ.
މިއީ މި މުބާރާތުގައި އޭނާ ޖެހި 8 ވަނަ ގޯލެވެ. އޭގެ ހަ މިނެޓު ފަހުން، 66 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން އޭރިއާ ބޭރުން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ފްރާންސްގެ ލީޑު ފުޅާކޮށްދިނީ އޮސްމާން ޑެމްބެލޭއެވެ.
މޮރޮކޯއިން އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދި 83 ވަނަ މިނެޓުގައި ހަކީމީ ދިން ބޯޅައަކުން އަޒެދީން އުނާހީ ފޮނުވާލި ބާރު ހަމަލާ، ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފަހުކޮޅު ފްރާންސްގެ ބަދަލު ކުޅުންތެރިން ކަމަށްވާ ބްރެޑްލީ ބާކޯލާ އާއި ޔޯން ފިލިޕް މަޓެޓާ އަދި އޮލީސޭއަށް ލިބުނު ފުރުސަތުތައް މޮރޮކޯގެ ކީޕަރު ބޯނޯ ދިފާއުކުރި ނަމަވެސް، 2-0 ގެ ނަތީޖާއަކުން ފްރާންސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
ސެމީ ފައިނަލުގައި ފްރާންސް ނުކުންނަން ޖެހޭނީ ސްޕެއިން އާއި ބެލްޖިއަމް ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މުބާރާތުގެ އަނެއް ދެ ކުއާޓާ ފައިނަލް މެޗުތަކުގައި ބައްދަލުކުރާނީ އިންގްލެންޑާއި ނޯވޭ އަދި އާޖެންޓީނާއާއި ސްވިޒަލެންޑެވެ.