އިންފަންޓީނޯ ގޯސްކޮށް އެއްވެސް ކަމެއް ކުރާކަމަށް ގަބޫލުނުކުރަން: އެޓޫ

އިންފަންޓީނޯއާއެކު އެޓޫ--

އިންފަންޓީނޯއާ ދެކޮޅަށް މިހާރު ފެންމަތިވެގެން އުޅޭ މައްސަލަތަކަކީ 2027 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރައީސްކަމުގެ އިންތިޚާބާ ގުޅިގެން، އިންތިޚާބީ ދަނޑިވަޅުގެ ނުފޫޒުން އުފެދިގެން އުޅޭ ސިޔާސީ ހަރަކާތްތަކެއް ކަމަށާއި އިންފަންޓީނޯ ގޯސްކޮށް އެއްވެސް ކަމެއް ކުރައްވާފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އޭނާގެ ދިފާޢުގައި ކެމަރޫންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސެމިއުއަލް އެޓޫ ތެދުވެއްޖެއެވެ.

ކުރީގެ މަޝްހޫރު ފޯވާޑް މިހެން ބުނީ މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ. މި މައްސަލަ އުފެދެން މެދުވެރިވީ ފީފާގެ މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސްގެ %20 އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" ޕްލޭނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ.

އެ ހުށަހެޅުން މިހާރު ދޫކޮށްލާފައިވީ ނަމަވެސް، ޔުއެފާ، އޭއެފްސީ އަދި ކޮންކާކަފް އިން އަންނަނީ އިންފަންޓީނޯއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވިސްނަމުންނެވެ.

ނަމަވެސް އެފްރިކާގެ ކޮންފެޑަރޭޝަނުގެ ރައީސް ޓްރިސް މޮޓްސެޕީ ވަނީ އިންފަންޓީނޯގެ މުސްތަގުބަލު ނިންމަންވާނީ 2027 ގެ އިންތިޚާބުގައި ކަމަށް ވިދާޅުވެ، އެފްރިކާގެ ފުރިހަމަ ތާއީދު އޭނާއަށް އޮތްކަން ކަށަވަރުކޮށްދެއްވާފައެވެ.

ބާސެލޯނާ، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި ޗެލްސީ ފަދަ ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅެފައިވާ އުމުރުން 45 އަހަރުގެ އެޓޫ އިތުރަށް ބުނީ، އިންފަންޓީނޯ ވަނީ ދުނިޔޭގެ ފުޓްބޯޅައަށް ބޮޑެތި އެދެވޭ ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށެވެ.

އެގޮތުން ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ އަދަދު އިތުރުކޮށް، މީގެ ކުރިން ފުރުސަތު ނުލިބޭ ކުދި އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ މަގު ތަނަވަސްކޮށްދެއްވާފައިވާ ކަމަށް އެޓޫ ބުންޏެވެ. އަދި ރައީސެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ފުޓްބޯޅަ ކުރިއަރުވައި ހުރިހާ ގައުމުތަކަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުން ކަމަށްވާތީ، އިންފަންޓީނޯ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށްޓަކައި އޭނާއަށް ތާއީދުކުރުން މުހިންމު ކަމަށްވެސް އެޓޫ ފާހަގަކުރިއެވެ.

comment ކޮމެންޓް