2026 ވަނަ އަހަރުގެ ފީފާ ވާލްޑް ކަޕްގެ ގަދަ 16 ގެ މެޗުތަކަށްފަހު، މުބާރާތުގެ އެންމެ އުއްމީދީ ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުން ވަނީ އަނެއްކާވެސް ފެނިގެންގޮސްފައެވެ.
އަޔޫބް ބޫއައްދީ، ދޭޒިރޭ ދޫއޭ، ނިކޯ އޯރިލީ އަދި ލަމީން ޔަމާލް ފަދަ ކުޅުންތެރިން ވަނީ އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތައް ކުއާޓާ ފައިނަލަށް ގެންގޮސްދީ، ފީފާ ޔަންގް ޕްލޭޔާ އެވޯޑަށް އޮތް ފުރުސަތު ބޮޑުކޮށްފައެވެ.
މިފަހަރުގެ ވޯލްޑް ކަޕުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2005 ގެ ފަހުން އުފަންވެފައިވާ ކުޅުންތެރިންނަށެވެ.
މި އެވޯޑަށް ވާދަކުރާ މިފަހަރު ވާދަކުރާ ކުޅުންތެރިންގެ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ ކުޅުންތެރިންތަކެއްގެ ނަން ހާމަކޮށްފައެވެ. އެ ކުޅުންތެރިންނަކީ
އަޔޫބް ބޫއައްދީ (މޮރޮކޯ)

މޮރޮކޯ ކުއާޓާ ފައިނަލަށް ދިޔަ ދަތުރުގައި މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ބޫއައްދީއަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް ވިސްނުންތޫނު ކުޅުންތެރިއެކެވެ.
ލިލްއަށް ކުޅޭ މި ޒުވާން ކުޅުންތެރިޔާ ވަނީ އުމުރުން 15 އަހަރުގައި ވާހަކަދެއްކުމުގެ މުބާރާތަކުން ވަނަ ހޯދައި، 16 އަހަރުގައި ބެކަލޯރިއޭޓް ނިންމައި، މިހާރު މެތަމެޓިކްސްއިން ޑިގްރީއަށް ކިޔަވަމުންނެވެ.
މި ތޫނުފިލިކަން އޭނާގެ ކުޅުމުންވެސް ފެނިގެންދެއެވެ. ގަދަ 16 ގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ދޭޒިރޭ ދޫއޭ (ފްރާންސް)

ބޮސްޓަންގައި މޮރޮކޯއާ ދެކޮޅަށް ފްރާންސް ނުކުންނަ މެޗުގައި ބޫއައްދީއާ ދެކޮޅަށް ނުކުންނާނީ ދޫއޭއެވެ. ޕީއެސްޖީގެ ފޯވާޑް ދޫއޭ ވަނީ މިއަހަރު ލީގު ވަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައެވެ.
އުމުރުން 21 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ވޯލްޑް ކަޕްގެ 5 މެޗުގެ ތެރެއިން 3 މެޗުގައި ފުރަތަމަ 11 ގައި ކުޅެ، 1 ލަނޑު ޖަހާފައެވެ. އަދި ގަދަ 16 ގައި ޕެރަގުއޭ ބަލިކުރި މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ނިންމުންތެރި ޕެނަލްޓީ ހޯދައިދިނީވެސް އޭނާއެވެ.
ނިކޯ އޯރިލީ (އިންގްލޭންޑް)

މެންޗެސްޓާ ސިޓީގެ ވާތްފަޅިއަށް ކުޅޭ އޯރިލީއަކީ ތޯމަސް ޓުޗެލްގެ އިންގްލެންޑް ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 5 މެޗުގެ ތެރެއިން 4 މެޗުގައި ފުރަތަމަ 11 އިން ފެނިގެންގޮސްފައެވެ.
އިންގްލެންޑް މޮޅުވި މެޗުތަކުގައި އޭނާ ކުޅުނުއިރު، އޭނާ ފުރަތަމަ 11 ގައި ނުކުޅޭ ހަމައެކަނި މެޗު ނިމުނީ 0-0 އިން ގާނާއާ އެއްވަރުވެގެންނެވެ. އުމުރުން 21 އަހަރުގެ އޯރިލީއަކީ ޕާސް ފުރިހަމަކުރުމާއި ޓެކުލް ކުރުމުގައި އިންގްލޭންޑް ޓީމުގެ އެންމެ މަތީގައި އުޅޭ އެއް ކުޅުންތެރިޔާއެވެ.
ގަދަ 16 ގައި މެކްސިކޯ ބަލިކުރި މެޗުގައި އޭނާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.
ލަމީން ޔަމާލް (ސްޕެއިން)

ހޭމްސްޓްރިންގް އަނިޔާއަށްފަހު ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ އަންނަނީ ޔަމާލްގެ ކުޅުން ވަރަށް ބަލައިގެން މެނޭޖްކުރަމުންނެވެ. ބާސެލޯނާގެ އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ފުރަތަމަ މެޗުގައި ކޭޕް ވާޑާ ދެކޮޅަށް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ނަމަވެސް އެއަށްފަހު އޭނާ ވަނީ ކޮންމެ މެޗެއްގެވެސް ފުރަތަމަ 11 ގައި ކުޅެފައެވެ. ގަދަ 32 ގައި އޮސްޓްރިއާ ކޮޅަށް ގޯލު ޖެހުމަށްފަހު، ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މުޅި 90 މިނެޓު ކުޅެ، މޮޅު ކުޅުމެއް ދައްކާފައެވެ. ކުއާޓާ ފައިނަލްގައި ސްޕެއިން ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.