ފީފާއަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ، ރެފްރީންނަށް ކުރަނީ ބޭކާރު ތުހުމަތުތަކެއް: ކޮލީނާ

ފީފާގެ ރެފްރީސް ކޮމިޓީގެ ވެރިޔާ ޕިއަރލުއީޖީ ކޮލީނާ--

ފީފާ ވަރލްޑް ކަޕް 2026 ގެ ގައުމީ ދެވަނަ ބުރުގައި އާޖެންޓީނާއިން 3-2 އިން މިސްރު ބަލިކުރި މެޗުގެ ރެފްރީކަމަށް މިސްރުން ކުރި ތުހުމަތުތަކަށް ފީފާގެ ރެފްރީސް ކޮމިޓީގެ ވެރިޔާ ޕިއަރލުއީޖީ ކޮލީނާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ފީފާގެ އޮފިޝަލް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ކޮލީނާ ވިދާޅުވީ، ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔުމަކީ ފުޓްބޯޅައިގެ ބައެއް ކަމުގައިވީ ނަމަވެސް، އެމީހުންގެ ނަޒާހަތްތެރިކަމާމެދު އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނަށާއި އެމީހުންގެ އާއިލާތަކަށް ނުރައްކަލާއި އިންޒާރުތައް ކުރިމަތިވެދާނެ ކަމަށާއި، ފީފާގެ ރެފްރީކަމަށް އެއްވެސް ފަރާތަކުން، އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށްވެސް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ވޯލްޑް ކަޕުން މިސްރު ކެޓީ 2-0 ގެ ލީޑެއްގައި އޮއްވައި، މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް އާޖެންޓީނާއިން ފަހަތުން އަރައި 3 ގޯލު ޖަހައިގެންނެވެ.

މެޗަށްފަހު މިސްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ މުބާރާތުގައި ބޭއްވުމަށް ރެފްރީ ފްރެންކޮއިސް ލެޓެކްސިއޭއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އެޓީމަށް ކުއާޓާ ފައިނަލުން ޖާގަ ގެއްލުނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް ބުނެފައެވެ.

އަދި މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ މުސްތަފާ ޒީކޯ ޖެހި ގޯލު ވީއޭއާރްއިން އުވާލުމާއި މުހައްމަދު ސަލާހަށް ކުރި ފައުލް ނުދިނުމުން އެކަމާމެދު ރަސްމީކޮށް މައްސަލަ ޖައްސާފައެވެ.

ނަމަވެސް ކޮލީނާ ވަނީ ވީއޭއާރްގެ ނިންމުންތައް ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޒީކޯ ގޯލު ޖެހުމުގެ ކުރިން މަރުވާން އައްތިއާ އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒްއަށް ފައުލްކޮށްފައިވާތީ އެ ގޯލު އުވާލީ ރަނގަޅަށް ކަމަށެވެ.

އާޖެންޓީނާއިން މޮޅުވި ގޯލު ޖެހުމުގެ ކުރިން ސަލާހާއި ހޫލިއަން އަލްވަރޭޒްއާ ދެމެދު ހިނގި ހާދިސާއަކީ ފުޓްބޯޅައިގެ އާންމު ހަމަތަކުގެ ތެރެއިން ހިނގި ކަމެއް ކަމަށާއި، މުޅި މުބާރާތުގައިވެސް ވީއޭއާރް ބޭނުންކޮށްފައިވަނީ ރަނގަޅު އުސޫލުތަކުގެ ތެރެއިން ކަމަށް ފީފާއިން ގަބޫލުކުރާ ކަމަށްވެސް ކޮލީނާ ވިދާޅުވިއެވެ.

comment ކޮމެންޓް