އިންސްޓަގްރާމްގެ އާންމު ފޮޓޯތައް ބޭނުންކޮށްގެން އޭއައި އިމޭޖް އުފެއްދޭގޮތް ހަދައިފި

މިއުޒް އިމޭޖް މޮޑެލްގެ އެހީގައި ލިޔުން ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރެވޭނެ ---

މެޓާ ސުޕައިންޓެލިޖެންސް ލެބްސްއިން ތަރައްޤީކުރި ފުރަތަމަ އިމޭޖް ޖެނެރޭޝަން މޮޑެލް "މިއުޒް އިމޭޖް" އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

މި އާ މޮޑެލްއާއެކު، އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އެމީހުންގެ އެކައުންޓްތައް އާންމުންނަށް ފެންނަން ހުންނަ ނުވަތަ ޕަބްލިކް އެކައުންޓްތަކުގައި ހުންނަ ފޮޓޯތައް ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް އާ ފޮޓޯ އުފެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފީޗާ މިހާރު މެޓާ އޭއައި، އިންސްޓަގްރާމް އަދި ވަޓްސްއަޕްގެ ތެރެއިން ލިބެން ހުންނާނެ ކަމަށް މެޓާއިން ހާމަކުރެއެވެ.

އާންމުކޮށް ހުޅުވާލެވިފައިވާ އިންސްޓަގްރާމް އެކައުންޓްތަކުގެ ނަން، އޭއައިއަށް ފޮޓޯ އުފެއްދުމަށްދޭ އިރުޝާދުތަކުގައި ނުވަތަ ޕްރޮމްޕްޓްތަކުގައި ޓެގްކޮށްލުމުން، އެ އެކައުންޓެއްގައި ހުރި ފޮޓޯތަކަށް ރިފަރެންސްކޮށް މެޓާ އޭއައިއިން އާ ތަސްވީރުތައް ހަދައިދޭނެއެވެ. ނަމަވެސް، އަމިއްލަ ފޮޓޯތައް މިގޮތަށް ބޭނުންކުރަން ބޭނުންނުވާ ފަރާތްތަކަށް އިންސްޓަގްރާމްގެ ސެޓިންގްސްގެ ތެރެއިން "ޝެއަރިންގް އެންޑް ރީޔޫޒް" ބަޔަށް ގޮސް މި ފީޗާ ނިއްވާލުމުގެ ނުވަތަ އޮޕްޓް-އައުޓް ވުމުގެ އިޚްތިޔާރު މެޓާއިން ވަނީ ދީފައެވެ. މީގެ އިތުރުން އެކައުންޓް ޕްރައިވެޓް ކުރުމުންވެސް މިގޮތަށް ފޮޓޯ ބޭނުންކުރުން ހުއްޓުވޭނެއެވެ.

މިގޮތަށް އޭއައި މެދުވެރިކޮށް މީހެއްގެ ޕަބްލިކް ފޮޓޯއެއް ބޭނުންކޮށްގެން އާ ތަސްވީރެއް އުފެއްދި ނަމަވެސް، އެ ފޮޓޯގެ ވެރިފަރާތަށް އެއްވެސް ނޮޓިފިކޭޝަނެއް ނުދާނެއެވެ. އަދި ޔޫޒަރަކު ސެޓިންގްސް ބަދަލުކުރުމުގެ ކުރިން އުފައްދާފައިވާ އޭއައި ތަސްވީރުތައް ފަހުން އުނިނުކުރެވޭނެ ކަމަށްވެސް މެޓާގެ ސަޕޯޓް ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ.

https://sun.mv/223568

މިއުޒް އިމޭޖް މޮޑެލްގެ އެހީގައި ލިޔުން ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރުމާއި، ބޭނުންނުވާ ބައިތައް ފޮހެލުމާއި، އަމިއްލަ ސިފަ ތަފާތު މާހައުލުތަކަށް ބަދަލުކޮށްލުމުގެ އިތުރުން ބޭނުންކުރެވޭ ފަދަ ކިއުއާރް ކޯޑުތައްވެސް އުފެއްދެއެވެ.

މެޓާއިން އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށްޓަކައި ޔޫޒަރުންގެ އާންމު ޑޭޓާ ބޭނުންކުރަމުންދާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ފޭސްބުކް އަދި އިންސްޓަގްރާމްގައި ހުންނަ އާންމު ފޮޓޯތަކާއި ލިޔުންތައް ބޭނުންކޮށްގެން އެ ކުންފުނީގެ އެލްއެލްއެމް ނުވަތަ "ލާމާ" މޮޑެލްތައް ތަމްރީނުކުރުމުގެ މަސައްކަތް މެޓާއިން ވަނީ ކޮށްފައެވެ. ނަމަވެސް، ޑޭޓާ ޕްރައިވެސީއާ ގުޅޭގޮތުން އާންމުންނާއި ރެގިއުލޭޓަރީ އިދާރާތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ހުރެ، ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގައި މިފަދަ ފީޗާތައް ބޭނުންކުރުމުގައި މެޓާއަށް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އާންމު ޕޯސްޓްތައް ބޭނުންކޮށްގެން ސީދާ ޔޫޒަރުންނަށް އަމިއްލައަށް އޭއައި އިމޭޖް އުފެއްދޭ ގޮތަށް މި ފަހަރު ތައާރަފްކުރި "މިއުޒް އިމޭޖް" އަކީ، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އޭއައި މާކެޓްގެ ވާދަވެރިކަމުގައި ކުރިއެރުން ހޯދުމަށް ޔޫޒާ-ޖެނެރޭޓެޑް ކޮންޓެންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ހާމަކޮށްދޭ ނިންމުމެކެވެ.

comment ކޮމެންޓް