އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ 750،000 އެކައުންޓް މެޓާއިން ބަންދުކޮށްފި

އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރުން ދަނީ ގާނޫނަށް ފުރިހަމައަށް އަމަލުނުކުރާ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުން ---

އޮސްޓްރޭލިއާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ކަމަށް ޝައްކުކުރެވޭ 750،000 އަށްވުރެ ގިނަ އެކައުންޓް ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާއިން ބަންދުކޮށްފިއެވެ.

މެޓާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހު މި ގާނޫނަށް އަމަލުކުރަން ފެށީއްސުރެ ޖޫން މަހުގެ ނިޔަލަށް އިންސްޓަގްރާމުން 462،000 އެކައުންޓް އަދި ފޭސްބުކުން 294،000 އެކައުންޓް ވަނީ ޑީއެކްޓިވޭޓްކޮށްފައެވެ. މިއީ މީގެ ކުރިން ޖަނަވަރީ މަހާ ހަމައަށް އެ ކުންފުނިން ބަންދުކުރި ކަމަށް ބުނި 331،000 އިންސްޓަގްރާމް އެކައުންޓާއި 173،000 ފޭސްބުކް އެކައުންޓަށްވުރެ އިތުރު އަދަދެކެވެ.

މެޓާއިން އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ގާނޫނާ ދެކޮޅުހެދި ނަމަވެސް، ގާނޫނަށް ތަބާވުމަށް މަސައްކަތްކުރަމުންދާ ކަމަށް މެޓާއިން ބުނެއެވެ. ނަމަވެސް އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރުން ދަނީ ގާނޫނަށް ފުރިހަމައަށް އަމަލުނުކުރާ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރުވަމުންނެވެ.

އެކައުންޓެއް ބަންދުކުރުމަށްފަހު، އެ މީހަކަށް އަލުން އެކައުންޓެއް ނުހެދޭނެ ނިޒާމެއްވެސް މެޓާއިން މިހާރު ވަނީ ގާއިމުކޮށްފަ ----

އޮސްޓްރޭލިއާ ސަރުކާރުގެ ތަފާސްހިސާބުތަކާއި އަމިއްލަ ދިރާސާތަކުން ދައްކާ ގޮތުގައި، ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައިވެސް އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ ކުދިން ދިޔައީ ސޯޝަލް މީޑިއާ ބޭނުންކުރަމުންނެވެ.

މެޓާއިން މިކަން ހާމަކުރީ އެހެން އެއްވެސް ކުންފުންޏަކުން މެޓާ ފަދައިން އެކައުންޓްތައް ބަންދުކުރި އަދަދުތަކުގެ ތަފްސީލު ހާމަކޮށްފައިނުވާ ދަނޑިވަޅެއްގައެވެ.

ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާއިން ކުރާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އޮސްޓްރޭލިއާއިން މި ތާރީޚީ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމަމުންދާއިރު، އޮސްޓްރޭލިއާ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން ގާނޫނު ނާކާމިޔާބުކޮށްލަން ގަސްދުގައި މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ގާނޫނަށް އަމަލުނުކުރާ ކުންފުނިތަކަށް ދެވޭ އެންމެ ބޮޑު ޖޫރިމަނާ 99 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (69.75 މިލިއަން އެމެރިކާ ޑޮލަރު) އަށް ބޮޑުކުރުމަށާއި، ރެގިއުލޭޓަރުންނަށް ލިޔެކިޔުންތައް ހޯދުމުގެ ބާރު ފުޅާކުރުމަށް ސަރުކާރުން ވަނީ އާ ގާނޫނެއް ހުށަހަޅާފައެވެ.

މި ބަދަލުތަކާ ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދިނުމަށް މެޓާ، ޓިކްޓޮކް، ޔޫޓިއުބްގެ މައި ކުންފުނި ގޫގުލް އަދި ސްނެޕްޗެޓްގެ މަންދޫބުންގެ އިތުރުން ރެގިއުލޭޓަރީ އަދި ސަރުކާރުގެ ކަމާބޭހޭ މުވައްޒަފުން ހުކުރު ދުވަހު ހާޒިރުވުމަށް ވަނީ ހަމަޖެހިފައެވެ.

މެޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށާއި، ބަންދުކުރެވޭ އެކައުންޓްތަކުގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. އަދި ޒުވާނުންނަށް ރައްކާތެރި އަދި އެކަށީގެންވާ މާހައުލެއް އޮންލައިންކޮށް ގާއިމުކޮށްދިނުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އަމާޒަށް އެހީތެރިވެ، ގާނޫނީ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އުމުރު ކަށަވަރުކުރުމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން 2025 ވަނަ އަހަރު އޮސްޓްރޭލިއާގައި ހިންގި ޓްރަޔަލްތަކުން ދެއްކި ގޮތުގައި، މިފަދަ ބޭނުންތަކަށް ޚާއްސަ ސޮފްޓްވެއާތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިދާނެއެވެ. ގިނަ ބޮޑެތި ޕްލެޓްފޯމްތަކުން ފޮޓޯ ބޭނުންކޮށްގެން އުމުރު އަންދާޒާކުރާ ސޮފްޓްވެއާ ތައާރަފުކޮށްފައިވީ ނަމަވެސް، އެންމެ ފުރަތަމަ ބަލަނީ ބޭނުންކުރާ ފަރާތުގެ އޮންލައިން ހަރަކާތްތަކުގެ މައްޗަށް ބިނާކޮށެވެ.

މެޓާއިން ހާމަކުރި ގޮތުގައި، ޕްރޮފައިލްތަކުގައި ހުންނަ މައުލޫމާތުތައް (މިސާލަކަށް އުފަންދުވަހުގެ ހަފްލާތަކުގެ ވާހަކަ ނުވަތަ ގްރޭޑްތަކުގެ ވާހަކަ) އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެނަލައިޒްކޮށް، 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެކައުންޓެއް ބަންދުކުރުމަށްފަހު، އެ މީހަކަށް އަލުން އެކައުންޓެއް ހެދުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގެ ނިޒާމެއްވެސް މެޓާއިން މިހާރު ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް