މެޓާ އޭއައިއިން ވަޓްސްއެޕް ފޮޓޯތައް ބޮޑުކުރެވޭ ފީޗާއެއް ޓެސްޓުކުރަނީ

ވަޓްސްއެޕްގެ ކުރިއަށް އޮތް އަޕްޑޭޓްތަކުގައި މި ފީޗާ ބީޓާ ޓެސްޓަރުންނަށް ލިބޭނެ ---

އެންޑްރޮއިޑް ޑިވައިސްތަކުގައި މެޓާ އޭއައި ބޭނުންކޮށްގެން ފޮޓޯތައް 9:16 ފޯމެޓަށް ބޮޑުކުރެވޭ (އެކްސްޕެންޑް ކުރެވޭ) އައު އޭއައި ފީޗާއެއް ގެނައުމުގެ މަސައްކަތް ވަޓްސްއެޕުން ފަށައިފިއެވެ.

މި އައު ފީޗާ ތައާރަފުކުރުމަށް ހަމަޖެހިފައި ވަނީ ވަޓްސްއެޕްގެ ޗެޓްތަކަށާއި ސްޓޭޓަސް އަޕްޑޭޓްތަކަށެވެ.

މި ފީޗާ ފެނިގެންދާނީ ވަޓްސްއެޕްގެ ޑްރޯއިން އެޑިޓަރު ސްކްރީނުންނެވެ. މި ޓޫލް ބޭނުންކުރުމުން މެޓާ އޭއައި މެދުވެރިކޮށް ފޮޓޯ ދިރާސާކުރުމަށްފަހު، ފޮޓޯގެ އަރިމަތިތަކަށް އިތުރު ބައިތައް އުފައްދައި، މުޅި ސްކްރީނަށް ފެތޭ 9:16 ގެ ވާޓިކަލް ފޯމެޓަށް ފޮޓޯ ފުޅާކޮށްދޭނެއެވެ.

https://sun.mv/224840

ވަޓްސްއެޕްގެ އަޕްޑޭޓްތައް ދިރާސާކުރާ ޑަބްލިއުއޭބީޓާއިންފޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފީޗާ ފާހަގަކުރެވިފައި ވަނީ އެންޑްރޮއިޑްގެ ވަޓްސްއެޕް ބީޓާ ވާޝަން 2.26.33.2 އިންނެވެ.

މި ޓޫލް ބޭނުންކުރުމަށްޓަކައި ޑްރޯއިން އެޑިޓަރުގެ ތެރެއިން ފިލްޓަރުތައް ހިމެނޭ ބަޔަށް ތިރިއަށް ސްކްރޯލްކޮށްލަން ޖެހޭނެއެވެ. އަދި އެޑިޓަރުގެ ތެރޭގައި ހުންނަ އެނިމޭޓް އަދި ބެކްގްރައުންޑް އޮޕްޝަންތަކާ އެކު މި ފޮޓޯ އެކްސްޕޭންޝަން ޓޫލް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، އޭއައި އިން އުފައްދައިދޭ ނަތީޖާއާ މެދު ހިތްހަމަނުޖެހޭނަމަ އަލުން އެ ޓޫލް ބޭނުންކޮށްގެން ބަދަލު ގެނައުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

މި ފީޗާ ޗެޓްތަކަށާއި ސްޓޭޓަސްތަކަށް އެއްފަހަރާ ލޯންޗުނުވި ނަމަވެސް، އެންމެ ފުރަތަމަ މި ފީޗާ ލިބޭނީ ސްޓޭޓަސް އަޕްޑޭޓްތަކަށް ކަމަށާއި އޭގެ ފަހުން ޗެޓްތަކަށް ވެސް ފުޅާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. 9:16 ފޯމެޓަކީ ފޯނުތަކުގެ ފުލް ސްކްރީން ޑިސްޕްލޭއަށް ޚާއްސަ ސައިޒަކަށް ވުމުން، މިއީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ވަޓްސްއެޕްގެ ކުރިއަށް އޮތް އަޕްޑޭޓްތަކުގައި މި ފީޗާ ބީޓާ ޓެސްޓަރުންނަށް ލިބޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ވެސް ވަޓްސްއެޕުން ދަނީ އެޕަށް ގިނަ އައު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އައިއޯއެސް ޑިވައިސްތަކަށް އެނިމޭޓެޑް ވޯލްޕޭޕަރުތަކާއެކު ޗެޓް ތީމްތައް ތައާރަފުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދާދިފަހުން ވަޓްސްއެޕުން ވަނީ ޕޯލް ހަދާ ފީޗާއަށް ބަދަލުތަކެއް ގެނެސް، ގްރޫޕްތަކުގައި އެންމެން އެއްފަހަރާ ޓެގްކުރެވޭ އޯލް މެންޝަން ފީޗާވެސް ލޯންޗުކޮށްފައެވެ.

comment ކޮމެންޓް