އޭއައި ބޭނުންކޮށްގެން އެޑިޓްކުރާ ފޮޓޯ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު: އިމިގްރޭޝަން

އިމިގްރޭޝަނުން ދިވެހި ޕާސްޕޯޓެއް ދޫކުރަނީ -- ފޮޓޯ/ ރާއްޖެ އެމްވީ

ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އެފަދަ އެހެން އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭއައި ފަދަ އާލާތްތައް ބޭނުނބްކޮށްގެން އެޓިކޮށްފައި ހުންނަ ފޮޓޯ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ނުވަތަ ކާކުކަން ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމަންޓެކެވެ. އެހެންކަމުން، ޕާސްޕޯޓަށް ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އޭއައި ފަދަ އާލާތްތައް ބޭނުން ނުކުރުމަށް އެދި އިމިގްރޭޝަނުން އާންމުކުކުރި ޕޯސްޓު.... ފޮޓޯ/ އިމިގްރޭޝަން

ފަހަކަށް އައިސް ފޮޓޯތައް ރީތިކުރުމަށާއި ބަދަލުތައް ގެނައުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރުން ވަނީ އިތުރުވެފައިއެވެ. އެހެން ކަމުން ޕާސްޕޯޓު ފަދަ ރަސްމީ ލިޔެކިޔުންތަކުގައި މިފަދަ ފޮޓޯ ބޭނުންކުރުމަކީ ވެސް ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ.

އެހެން ނަމަވެސް ރަސްމީ ލިޔެކިޔުންތަކަށް ބޭނުންވާ ފޮޓޯތައް އޭއައިފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓް ކުރުމަކީ އޭގެ ސަަބަބުން ސަލާމަތީ މައްސަލަތައް ދިމާވާނެ ކަމެކެވެ.

ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އެ މީހެއްގެ އަސްލު ސިފަ ފެންނަން ހުންނަ، ފޮޓޯގެ މިންގަނޑުތަކަށް ފެތޭ ފޮޓޯ ހުށަހެޅުމަކީ ޕާސްޕޯޓު ދޫކުރުމުގެ މަރުހަލާ އަވަސްކުރުމަށް ލިބޭނެ އެހީތެރިކަމެކެވެ.

އަދި މިންގަނޑާ ޚިލާފު ފޮޓޯ ހުށަހަޅާނަމަ، އެ ފޯމެއް ބާތިލުވެ ޕާސްޕޯޓު ލިބުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން، ޕާސްޕޯޓަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީ، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނުވަތަ އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އިމިގްރޭޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް