"ކުނި އުފައްދާވަރު ކަންބޮޑުވާ މިންވަރަކަށް އިތުރު، ދުވާލަކު ބޮލަކަށް 1.7ކިލޯ ޖެހޭ"

އޭޕްރީލް 19، 2020: މާލޭ މަގުމަތި: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކުނި އުފައްދާ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ، ރާއްޖޭގެ އާބަން ސެންޓަރުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 1.7 ކިލޯގެ ކުނި އުފައްދާ ކަމަށެވެ.

މުރުތަޟާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކޮށް އެކަން މެނޭޖު ކުރުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އަހަރަކު 517,000 ޓަނުގެ ކުނި އުފައްދާއިރު، ކޮންމެ އަހަރަކު ކުނި އުފައްދާ މިންވަރު 9 އިންސައްތަ އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ކުނި އިތުރުވަމުންދާ މިންވަރަށް ބަލާއިރު، އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާ. އެއީ އާބަން ސެންޓަރު ތަކުގައި ބޮލަކަށް ދުވާލެއްގެ މައްޗަށް 1.7 ކިލޯ ގްރާމް މީހެއްގެ މައްޗަށް އުފައްދާ މިންވަރު،" މުރުތަޟާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ރަށްތަކުގެ ކުޑަކަމަށް ބަލާއިރު ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވެމްކޯއިން ފާހަގަކުރެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އުފައްދާ ކުނީގެ މިންވަރު އާންމުންނަށްވުރެ އެތައް ގުނައެއް އިތުރުކަން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިޔަކު ރެޔަކު 3.5 ކިލޯގެ ކުނި އުފައްދާ ކަމަށް މުރުތަޟާ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ އާންމު ރައްޔިތަކު އުފައްދާ ކުނީގެ މިންވަރަށްވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު މިންވަރެކެވެ.

ރަށްރަށުން މިހާރު އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބުން ކަމަށާއި، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރަށްރަށުގައި ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ޖާގަ ނެތުން ކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގައި ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ ހޭދަ ނުވަތަ ޚަރަދު ބޮޑުވުމަކީ ވެސް މި މަސައްކަތުގައި ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން މުރުތަޟާ ފާހަގަކުރެއްވިއެވެ.

ކުނީގެ މައްސަލައަކީ ޒަމާނުއްސުރެ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. އެހެން ނަމަވެސް ސަރުކާރުތަކުން އަންނަނީ މިކަން ހައްލުކުރުމަށް އެކި ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް