އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް ލީޑް ރޯލް ކުޅެފައިވާ ފިލްމު "ސަތުލުޖް" ޒީ5ގައި ޕްރީމިއާކުރިތާ 48 ގަޑިއިރުތެރޭ ފިލްމު އެ ޕްލެޓްފޯމްއިން ނަގައިފިއެވެ.
ޑައިރެކްޓަރު ހަނީ ތުރެހާންގެ އެންމެ ފަހުގެ ފިލްމު "ސަތުލުޖް" ޒީ5ގައި ޕްރީމިއާކުރީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް އޭގެ 48 ގަޑިއިރުފަހުން ފިލްމު އިންޑިއާގައި ސްޓްރީމް ނުކުރެވޭގޮތަށް ވަނީ ހަދާފައެވެ. އިންޑިއާގެ ސަބްސްކްރައިބާސްއަށް ފިލްމު އެ ޤައުމުގައި ނުބެލުނު ނަމަވެސް ބައިނަލްއަގުވާމީ މާކެޓްތަކުގައި އަދިވެސް މި ފިލްމު ބަލައިލެވޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ޒީ5އިން ނެރުނު ރަސްމީ ބަޔާނެއްގައި، ފިލްމަށް ލިބުނު ބޮޑު ތަރުހީބަށްޓަކައި ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

ފިލްމު "ސަތުލުޖް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
"ތިޔަ ދެއްވި ލޯތްބާއި އެއްބާރުލުމަކީ އަޅުގަނޑުމެންނަށާއި މި ފިލްމުގެ މަސައްކަތުގައި އުޅުނު އެންމެނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑުމެން އަބަދުވެސް 'ސަތުލުޖް' އާއި އޭގެ ފަހަތުގައިވާ އުފެއްދުންތެރި ޚިޔާލުތަކަށް ތާއީދު ކުރާނަން. އަސަރުގަދަ ވާހަކަތަކަކީ މީހުންނަށް ހިތްވަރުދީ، ދެމިގެންދާނެ އަސަރެއް ކުރާނެ އެއްޗެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އަދިވެސް އަޅުގަނޑުމެން ދެމިތިބޭނީ މިފަދަ މާނަވީ އުފެއްދުންތަކަށް ހިތްވަރު ދިނުމުގައި،" ޒީ5ގެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާގައި ފިލްމު ނެގިކަން ކަށަވަރުކޮށްދެމުން އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިހާރު ހިނގަމުންދާ ކަންތައްތަކަށް ރިއާޔަތްކޮށް، ވަކި ގޮތެއް އަންގަންދެން އިންޑިއާގައި "ސަތުލުޖް" ނުބެލޭނެ ކަމަށެވެ. ނަމަވެސް، ގާނޫނީ ހަމަތަކުގެ މަތިން ވީހާވެސް އަވަހަކަށް މި ފިލްމު އަލުން ބެލުންތެރިންނާ ހަމައަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޒީ5ގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފިލްމު "ސަތުލުޖް" އަކީ ޕަންޖާބުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރި އެކްޓިވިސްޓް ޖަސްވަންތު ސިންގް ޚަލްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ދިލްޖީތުގެ އިތުރުން، އަރުޖުން ރާމްޕާލް، ސުވިންދަރު ވިކީ، ގީތިކާ ވިދްޔާ އަދި ކަންވަލްޖީތު ސިންގް ވެސް މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައިވެއެވެ. މީގެ ކުރިން މި ފިލްމަށް ދީފައިވާ ނަމަކީ "ޕަންޖާބު 95"އެވެ.
ފިލްމު އިންޑިއާގައި މަނާކުރަން ނިންމި ނިންމުމާ ގުޅިގެން ދިލްޖީތު އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށްގެންދިޔަ ލައިވް ސެޝަންއެއްގައި ބުނީ، ފިލްމަށް ކުރިމަތިވި މި ކުއްލި ހުރަހަކީ އޭނާ ކުރިންވެސް އުންމީދުކޮށްގެން ހުރި ކަމެއް ކަމަށެވެ.
ދިލްޖީތު ބުނީ، ހޯމަ ދުވަހު އޮފީސްތައް ހުޅުވުމުން ފިލްމު މަނާކުރާނެ ކަމަށް ކުރިން ހީކުރެވުނު ނަމަވެސް، އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު އެހާ އަވަހަށް އެކަން ވެދާނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ.
ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފަހުގެ ތާރީޚުތަކުގައި ފެންނަ އެކްޓަރު ބުނީ، ފިލްމު އިޝްތިހާރު ނުކުރީވެސް މި ސަބަބަށްޓަކައި ކަމަށެވެ. ފިލްމު ޕްރޮމޯޓް ކުރިނަމަ، މި ފިލްމު އަސްލު ރިލީޒްވެސް ނުކުރެވުނީސް ކަމަށް ދިލްޖީތު ވަނީ ބުނެފައެވެ.
މި ފިލްމު އުފެއްދުމަށް ހޭދަވި ހަަތް އަހަރުގެ ދިގު ރާސްތާއާ ގުޅޭގޮތުން ވާހަކަދައްކަމުން ދިލްޖީތު ބުނީ، މިއީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު މަސައްކަތެއް ކަމަށެވެ. އެގޮތުން އެކަމަށް ވަކާލާތު ކުރާތާ ހަތަރު އަހަރު ވެއްޖެ ކަމަށާއި، ފިލްމު ރިލީޒްވެ އާންމުންނާ ހަމައަށް ވާސިލުވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ކުޅަދާނަ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.