ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ ފުރަތަމަ ފަހަރަށް އެކީގައި ފިލްމެއްގެ ލީޑް ރޯލަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ޝަޝީ ވަރުމާ ޑައިރެކްޓްކުރާ މި "ސިޗުއޭޝަނަލް ކޮމެޑީ" ފިލްމުގައި މި ދެ ތަރިން ފެންނާނީ ލޯބީގެ ރޯލަކުންނެވެ.
ސީންވޯކް ޕްރޮޑަކްޝަންސް އާއި ގިރިރާޖް ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާ މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅުގައެވެ. އަދި އަންނަ އަހަރުގެ އެޕްރީލް މަހު ސިނަމާތަކަށް މި ފިލްމު ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ.
އިންޑިއާގެ ދިއްލީގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ މި ފިލްމުގައި މަޝްހޫރު އެކްޓަރު ކުމުދު މިޝްރާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.
ޢަލީ އާއި ރިޗާ ވަނީ މީގެ ކުރިން ކާމިޔާބު ފިލްމު ސީރީޒް "ފުކްރޭ"ގައި އެކީގައި މަސައްކަތްކޮށްފައެވެ. ނަމަވެސް، ފިލްމެއްގެ މައި ދެ ތަރިންގެ ގޮތުގައި އެކުގައި ލޯބީގެ ރޯލެއް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

ރިޗާ އާއި އަލީ، އަލަތު ދަރިފުޅު ޒުނޭރާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު އުފައްދާ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، މިއީ ދިއްލީގެ ދިރިއުޅުމުގެ ފޯރިގަދަ މާހައުލެއްގައި ހިނގާ މަޖާ އަދި އިޖުތިމާއީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޝަޝީ ވަރުމާ އަކީ "ބާލާ" އާއި "ގުންޖަން ސަކްސޭނާ" ފަދަ ފިލްމުތަކުން އެކްޓަރެއްގެ ގޮތުގައި ފެނިފައިވާ، އަދި "އޭކޭ47" ފަދަ އުފެއްދުންތަކުގެ ލިޔުންތެރިއެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
ދެމަފިރިން އެކީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޢަލީ ބުނީ، އެންމެ ރަނގަޅު ކޮމެޑީ ފިލްމުތަކަކީ ހަގީގީ ދިރިއުޅުމާ ގުޅޭ ކަންތައްތަކެއްގެ މައްޗަށް ބިނާވާ ފިލްމުތައް ކަމަށެވެ.
އަދި ރިޗާއާ އެކު ސްކްރީނުން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އަލީ ފާހަގަކުރިއެވެ. ރިޗާ ބުނި ގޮތުގައި މި ފިލްމުގެ ސްކްރިޕްޓަކީ ދިރިއުޅުމުގެ އާދައިގެ ކަންކަމާއި އިހުސާސްތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވާ ލިޔުމެކެވެ. އަދި އާ މާހައުލެއްގައި ޢަލީއާ އެކު މަސައްކަތްކުރަން ލިބުމުން އެ ފުރުސަތަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށްވެސް ރިޗާ ވަނީ ބުނެފައެވެ.