މީގެ 25 އަހަރުކުރިން އެކްޓަރު އާމިރު ޚާން ޕްރޮޑިއުސްކޮށް އަޝުތޯޝް ގޯވަރިކަރް ޑައިރެކްޓްކުރި ފިލްމު "ލަގާން" އަށްފަހު އެފަދަ އިތުރު ފިލްމެއް އުފައްދަން ދެ މީހުން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އާމިރު އާއި އަޝުތޯޝް ގުޅިގެން ގެނެސްދޭން ނިންމާފައިވާ އާ ފިލްމު "ލަލްކާރު" އަކީ، އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ލާލާ އަމަރުނާތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް، 1947 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން ވަކިވުމުގެ ހާދިސާތައް ހިމަނައިގެން އުފައްދާ ފިލްމެކެވެ.
މި ފިލްމަކީ "ލަގާން" ކަހަލަ ކުޅިވަރާ ގުޅުންހުރި ފިލްމެއް ކަމަށާއި މި އަހަރުގެ އޮކްޓޯބަރު މަހުތެރޭ މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމަކީ، "ލަގާން"ގެ މާޒީގައި އިންޑިއާއަށް ލިބިފައިވާ ކާމިޔާބީތަކުގެ ހަނދާން އާކޮށްދީ ހަމައެއާއެކު، އެފަދަ ކާމިޔާބީތައް ކުރިއަށް އޮތްތަނުގައި ވެސް ހާސިލުކުރެވޭނެ ކަމުގެ އުއްމީދުން ފުރިފައިވާނެ ފިލްމެއް ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ ބުނެފައެވެ.

އާމިރު ޚާން އަދި ޑައިރެކްޓަރު އަޝުތޯޝް ގޯވަރިކަރް ފިލްމު "ލަގާން"ގެ ސެޓުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގައި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ލާލާ އަމަރުނާތުގެ ކެރެކްޓާއިން އާމިރު ފެންނާނެއިރު، ފިލްމުގެ އިތުރު ރޯލްތަކަށް ތަރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ތަރިންގެ މައުލޫމާތު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
އެކްސެލް އެންޓަޓައިންމަންޓްއިން ޕްރޮޑިއުސްކޮށް ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާނީ ކުޅަދާނަ ފިލްމު ޑައިރެކްޓަރުން ކަމަށްވާ ރާޖްކުމާރު ހިރާނީ އާއި އަބީޖާތު ޖޯޝީއެވެ.
އާމިރު ޚާން ލީޑް ރޯލްއިން ފެނުނު 2001ގެ ފިލްމު "ލަގާން" އަކީ، 1893ވަނަ އަހަރު، އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގެ ވާހަކަތަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައިވަނީ، ގުޖުރާތުގެ ކުޑަ އަވަށެއްގެ މީހުން، އެ މީހުންގެ އަތުން ނަގާ ބޮޑު ޓެކްސް (ލަގާން)އިން ސަލާމަތްވުމަށްޓަކައި، އިނގިރޭސި ސިފައިންނާ ދެކޮޅަށް ކްރިކެޓް މެޗެއް ކުޅެ މޮޅުވާން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.
އެކަޑަމީ އެވޯޑްސް (އޮސްކާ)ގެ "ބެސްޓް ފޮރިން ލެންގުއޭޖް ފިލްމު" ކެޓަގަރީއަށް ނޮމިނޭޓްވި "ލަގާން"އިން އިންޑިއާގެ ނޭޝަނަލް ފިލްމު އެވޯޑްސްގައި އަށް އެވޯޑު ކާމިޔާބުކުރިއިރު، ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 659.7 މިލިއަން ރުޕީސްއަށް އަރައެވެ.
އާމިރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށް ގެނެސްދިން އެންމެ ފަހުގެ ފިލްމަކީ، މި އަހަރުގެ މެއި މަހު ރިލީޒްކުރި ފިލްމު "އޭކް ދިން"އެވެ.